އެމްޑީޕީގެ މެމްބަރުންގެ ހައްގު ވޭތުވެދިޔަ އަށް އަހަރު ލީޑަރޝިޕުގައި ތިއްބެވި ބޭފުޅުން ފޭރިގެންފައިވާ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ރޭ ވިދާޅުވެއްޖެ އެވެ.

އައްޑޫ ޝަރީފް މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ފަސްކުރުމާ މެދު ގޮތެއް ނިންމަން ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލިސްގެ ޖަލްސާގައި ވާހަަކަ ދައްކަވަމުންނެެވެ. މިޖަލްސާގައި ވާހަކަ ދައްކަވަމުން މަރަދޫ ދާއިރާގެ މެމްބަރު އައްޑޫ ޝަރީފް ވިދާޅުވީ ދައުލަތުން ގިނަ އަދަދެއްގެ ފައިސާ އެމްޑީޕީއަށް ދޭ ކަމަށާއި އެހެން ނަމަވެސް ޕާޓީގެ އެއްވެސް ދާއިރާއަކަށް ޕާޓީން ފައިސާގެ އެހީތެރިކަމެއް ނުދޭ ކަމަށެވެ.

ޕާޓީގެ ރަށްރަށުގެ އޮފީސްތައް ހިންގަނީ ވެސް މެމްބަރުންގެ އަމިއްލަ ޖީބުން ހަރަދުކޮށްގެން ކަމަށާ އެއީ އެކަންވެގެންވާނެ ގޮތެއް ނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެމްޑީޕީ މިހާރު ހިނގާ ކަމަށް ބުނެ ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭނެ ކަމަށެވެ. އޭނާ ނިސްބަތްވާ ދާއިރާގައި އެމްޑީޕީގެ އެތައް ހާސް މެމްބަރުން ތިއްބަސް، ވޭތުވެދިޔަ އެއްވެސް ކޮންގްރެސްއެއްގައި ބައިވެރިވުމުގެ ފުރުސަތު ވެސް އެ މީހުންނަށް ނުލިބުނު  ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ގައުމީ މަޖިލީހުން އެތައް ފަހަރަކު ފާސްކޮށްފި 50 ޕަސެންޓް ދާއިރާތަކަށް ދޭންޖެހޭނެ ކަމަށް. އަދިއަދާހަމައަށް ވެސް ލޯލާރިއެއް ވެސް ނުދޭ." އައްޑޫ ޝަރީފް ވިދާޅުވިއެވެ.

އެމްޑީޕީގެ ރޭގެ ޖަލްސާ ހޫނުވެ ދެ ފެކްޝަނަށް ތާއިދު ކުރާ މެމްބަރުންގެ މެދުގައި ވަނީ ބަހުގެހަމަލާތައް ބަދަލުކޮށްފައެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު މެއި 14 އަށް ފަސްކުރުމަށް ގައުމީ މަޖިލީހުން ރޭ ވަނީ ފާސްކޮށްފައެވެެ.



ކިޔުންތެރިންގެ ހިޔާލު