ނ. މަނަދޫގައި މިސްކިތެއް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓަޑާއެކު އިސްލާމިކް މިނިސްޓްރީން ސޮއިކޮށްފިއެވެ.

އެކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަލްފާޟިލް އަމީން މުޙައްމަދެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ، މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ.



365 ދުވަސްތެރޭގައި އެއް ފަންގިފިލާއަށް ޢިމާރާތްކޮށް ނިންމާގޮތަށް ހަމަޖެހިފައިވާ މި މިސްކިތަކީ ދިވެހި ދައުލަތުން 15.7 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާ 700 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

އަންހެނުންނަށްވެސް ނަމާދުކުރެވޭނެ އިންތިޒާމް ކުރާގޮތަށް ހަމަޖެހިފައިވާ މި މިސްކިތް ޢިމާރާތް ކުރަން ނިންމީ މިވަގުތު ނ. މަނަދޫގައި ހުރި މިސްކިތްތަކުގެ ޖާގަ ކުޑަވެފައިވާތީ އާއި އަލަށް އާބާދުވާ ހިސާބުގައި މިސްކިތެއް ނެތުމުގެ ސަބަބުންކަމަށް މިނިސްޓްރީން ބުނެއެވެ.

2021 ވަނަ އަހަރު ތައްޔާރުކުރި ޑިޒައިނަކަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ މި މިސްކިތުގެ މަސައްކަތްތައް ނިމޭއިރު އިއާދަކުރަނިވި ޙަކަތަ ބޭނުންކޮށްގެން މިސްކިތް އޭސީކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މިސްކިތުގައި ފާޚާނާ، ވުޟޫކުރާބައި ގުދަން އަދި މުންނާރެއް ހުންނާނެއެވެ.



ކިޔުންތެރިންގެ ހިޔާލު