ޚާއްޞަ ހާާލަތުގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ޚާއްޞަ ހާާލަތުގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ޤާނޫނު އަސާސީއަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާޙު ބަލައިގަތުމުގެ ވޯޓުގައި ބައިވެރިވެވަޑައިނުގަނެ، އެމްޑީޕީގެ ހަތަރު މެމްބަރުން ޕާޓީގެ ވިޕްލައިނާ ޚިލާފަށް ޢަމަލު ކުރަށްވައިފިއެވެ.

މިހާރު މަގާމުގައި ތިއްބެވި ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ޙަލީމް ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހު މަޖިލީހަށް ބަލައިގަތުމަށް ޖަލްސާއަށް ހާޒިރުވެ ވަޑައިގެން ތިއްބަވައި، ވޯޓު ނުދެއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އާއި މަޑަވެލީ ދާއިރާގެ މެމްބަަރު ހުސައިން ފިރުޝާނާއި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު އަދި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ.

ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ހުށަހެޅުއްވި މި އިސްލާހު މަޖިލީހަށް ބަލައިގަތީ 60 މެންބަރުންގެ ވޯޓުންނެވެ.

މި ވޯޓުގައި ބައިވެރިވެވަޑައި ނުގެންނެވި އިންތިވަނީ އެމްޑީޕީ ޕީޖީ ގްރޫޕުން މިކަމުގައި ނެރުނު ވިޕާމެދުވެސް ސުވާލު އުފައްދަވާފައެވެ. އަދި އޮތްކަމެއް ނެތްކަމަށް ދައްކައިގެންނާއި، އޮތް ޙާލަތެއް ނެތް ޙާލަތަކަށް ހަދައިގެން ޤާނޫނު އަސާސީ އިސްލާހު ކުރުމަށް ޖާގަ ހޯދަން އުޅުމަކީ އަމިއްލަ ނަފްސަށް މަކަރު ހެދުން ކަމަށް އިންތި ވިދާޅުވިއެވެ.

"ކޮންކަހަލަ ވިޕް ތަކެއްތޯ މި ނެރެނީ؟ ކޮންކަހަލަ ނިންމުންތަކެއްތޯ މި ނިންމަނީ؟ ކޮންކަހަލަ ލަފާތަކެއްތޯ ލިބެމުން މިދަނީ؟ މިނޫން ގޮތެއް ނެތީތޯ؟.. ގާނޫނެއް ބަދަލު ކުރަން ވިޕްލައިނަށް ތަބާވިއަސް ގާނޫނުއަސާސީއަށް މިފަދަ ދަނޑިވަޅެއްގައި އިސްލާހު ގެންނަން ވޯޓު ދޭނީ، ޕާޓީ އަދި ސަރުކާރު ބުނާ ގޮތަކަށް ނޫން. ވޯޓު ދޭނީ އަމިއްލަ ކޮންވިކްޝަންތަކާއި އެއްގޮތަށް." އިންތި ވިދާޅުވިއެވެ.

މި ބިލްގެ ބަހުސްގައި ވާހަކަދައްކަވަމުން މަޑަވެލީ ދާއިރާގެ މެމްބަރު ޙުސައިން ފިރުޝާން ވިދާޅުވީ، އޭނާ އަކީ 2017 ވަނަ އަހަރު ކައުންސިލްގެ ދައުރު ދިގު ދަންމާލުމުން ރައްޔިތުން އެދުނުގޮތަށް ގޮނޑި ދޫކޮށްލުމަށްފަހު ކައުންސިލް ދޫކޮށް ނިކުމެގެން ދިޔަ މީހެއް ކަމަށެވެ. އެހެންކަމުން ކައުންސިލްގެ ދައުރު ދިގު ދެންމުމަކީ އޭރުވެސް މިހާރުވެސް ރައްޔިތުން ބޭނުންވާ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

"މިދިޔަ ވެރިކަމުގައި ޤާނޫނު އަސާސީ އަށް އިސްލާޙު ގެނަސް، ލާމަރުކަޒީ ޤާނޫނަށް ބަދަލު ގެނަސް އަދި އޭގެ ކުރިން ރިޔާސީ އިންތިޚާބު ދިގުދެންމީމާ، އަޅުގަނޑުމެން މި ޕާޓީގެ މެމްބަރުން، މި ޕާޓީގެ އެކްޓިވިސްޓުން މަގުމައްޗަށް ނިކުމެ ހަޅޭފަޅޭ ޖެހީ. އެވާހަކަތައް އެދުވަހު އެގޮތަށް ދައްކާފާ މިއަދު މި ޑިޒިޝަން ނަގަންވީމާ އަޅުގަނޑަށް މިކަން ހަމަ ބޮޑު ޖޯކަކަށް ވަނީ." ފިރުޝާން ވިދާޅުވިއެވެ.

މިބިލާމެދު ވާހަކަ ދައްކަވަމުން ވައްޑެ ވިދާޅުވެފައިވަނީ، ޤާނޫނަކުން އެއްވެސް ކަމެއް ޙަޤީޤަތަކަށް ނުހެދޭނެ ކަމަށާއި، އަދި ޝައްކަކަށް ޔަޤީނެއް ބަދަލު ނުވާނެ ކަމަށެވެ. ވަހީދު ވިދާޅުވީ ރާއްޖޭގައި މިއޮތީ ނުރައްކާތެރި ޙާލަތެއް ނޫންކަމަށް ޤަބޫލުކުރާ އިންސާނަކު ނޫޅޭނެކަމަށާއި، ޤާނޫނު އަސާސީގައި ބުނެފައިވަނީ ނުރައްކަލުގެ ޙާލަތުގައި ތިބެ ޤާނޫނު އަސާސީ ބަދަލު ނުކުރުމަށް ކަމަށެވެ. އެހެންކަމުން ނުރައްކަލުގެ ޙާލަތުގައި ތިބެ ޤާނޫނު އަސާސީ އިސްލާޙު ކުރުމަކީ ތާޢީދު ކުރަށްވާ ކަމެއް ނޫން ކަމަށް ވަޙީދު ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެމްބަރުންތަކެއް ޕާޓީގެ ވިޕް ބްރޭކްކޮށްފައި ވާއިރު، އެ މެމްބަރުންނާމެދު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ޢަމަލު ކުރާނެ ގޮތެއް އަދިވަނީ ސާފުވާގޮތް ނުވެފައެވެ. މީގެ ކުރިންވެސް ޕާޓީތަކުގެ މެމްބަރުން ވިޕް ބްރޭކް ކުރުމުން ފިޔަވަޅު އަޅައި އަދި ބައެއް މެމްބަރުން ޕާޓީން ވަކިކޮށްފައިވެސް ވެއެވެ. އެމްޑީޕީން ވެސް ވަނީ އެފަދަ މިސާލު ދައްކާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން