ބޮޑެތި ކުށްތަކުގެ ތުހުމަތުކުރެވޭ މީހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އިހުމާލުން އިންްސާފުން އެއްކިބާވަމުންދާތީ އެމްޑީޕީގެ ކުރީގެ ރައީސް، އިބްރާހިމް އިސްމާއިލް (އިބްރާ) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ކުޑަކުއްޖަކާ ބެހުނު މައްސަލައެއްގައި ތުހުމަތުވާ މީހެއްގެ މައްޗަށް ދައުވާ ނުކޮށް، ގާނޫނުގައި އޮންނަ މުއްދަތު ފަހަނަޅައި ދިއުމުން އަލުން ދައުވާ ކުރުމަށް ކޯޓުން ދެ ފަހަރަށް ފުރުސަތު ދިނުމުން ވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އިހުމާލުން ދައުވާ ނުކޮށް ފަސް މަސް ދުވަސްވުމުން އެމީހާ ސްޕްރީމް ކޯޓުން މިއަދު ވަނީ ސަލާމަތްވެފައެވެ. އެމައްސަލައިގައި ސްޕްރީމް ކޯޓުން ވަނީ ޕީޖީ އޮފީހަށް ފާޑުކިޔާފައެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހާއި ޚާއްސަ މަޖިލީހުގެ މެމްބަރު ކަން ކުރެއްވި އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވީ، ޕީޖީގެ އިހުމާލުތަކުން ބޮޑެތި ކުށްތަކުގެ ތުހުމަތުކުރެވޭ މީހުން އިންސާފުން އެއްކިބާވަމުންދާ ކަމަށެވެ. ތަކުރާރުކޮށް ޕީޖީގެ އިހުމާލުތައް ފެންމަތިވަމުންދާއިރު މަޖިލީހުން އެކަމާ ގުޅިގެން އެއްވެސް ކަމެއް ނުކުރަނީ ކީއްވެތޯއޭ ވިދާޅުވެ އިބްރާ ވަނީ ސުވާލު އުފައްދަވާފައެވެ.



"މަޖިލީހަށް ޕީޖީ ގެންގޮސް މިވާގޮތެއް ބަލަން ވެއްޖެ."މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީ ޑްރާފްޓް ކުރި ކޮމެޓީގެ މުގައްރިރު ކަންވެސް ކުރެއްވި އިބްރާ ވިދާޅުވިއެެވެ.

ކުޑަކުއްޖަކާ ބެހުނު މައްސަލައެއްގައި ތުހުމަތުވާ މީހެއްގެ މައްޗަށް ދައުވާ ނުކޮށް، ގާނޫނުގައި ބުނާ މުއްދަތު ފަހަނަޅައި ދިއުމުން ވެސް އަލުން ދައުވާ ކުރުމަށް ކޯޓުން ދެ ފަހަރަށް ފުރުސަތު ދިނުމުން ދައުވާ ނުކޮށް ފަސް މަސް ދުވަސްވެ ދައުވާ ނުކުރެވި އެމީހާ ސަލާމަތްވި މައްސަލައިގައި ސުޕްރީމް ކޯޓުން ވަނީ ޕީޖީއަށް ހޫނު ރައްދުތަކެއް ދީފައެެވެ.

ސްޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގެ ފަރާތުން މައްސަލަ ހުށަހަޅާފައިވަނީ އެއިގެ 5 މަސް ދުވަސް ފަހުން، ޔަގީނާ ގާތަށް، އެއްވެސް ކޯޓަކުން މިފަހަރު އެ މައްސަލަ ބަލައިނުގަންނާނެ މުއްދަތެއްގެ ފަހުން ކަމަށެވެ.

"ސަބަބުވެރި އިންސާނެއްގެ މިންގަނޑުން، ދަޢުވާ ފެއިލްކޮށްލަން ބޭނުންވާ ނަމަ ޢަމަލުކުރާނީ މި ފަދަ ގޮތަކަށެވެ." ސްޕްރީމް ކޯޓުގެ ހުކުމްގައިވެއެވެ.

ސްޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައިވަނީ ކުށްކުރުން ހުއްޓުވައި މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރާ ދައުލަތުގެ އެންމެހައި އިދާރާތަކުން ގާނޫނުތައް އެއްފަރާތްކޮށް، އެއްވެސް ފަރުވާލެއް ނެތި އަމަލުކުރުމުން، އެކަންކަން ތާއަބަދު ކޯޓުތަކުން ފޫބައްދައިދިނުމުގެ އާޚިރު ނަތީޖާއަކީ، ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ބާރު ކެނޑިގެންދިޔުން ކަމަށެވެެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހާގެ މައްޗަށް ކުރަނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާއާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އަދި ކުޑަކުއްޖަކަށް މީހެއްގެ ޖިންސީ ގުނަވަނެއް ކަމަށް ބެލެވޭ އެއްވެސް ތަނެއް ދެއްކުމުގެ ދައުވާ ތަކެވެެ. ސްޕްރީމް ކޯޓުގެ ނިންމުމާއި ގުޅިގެން އެ ހުރިހާ ދައުވާތަކުން އެމީހާ ވަނީ ސަލާމަތްވެފައެވެ.



ކިޔުންތެރިންގެ ހިޔާލު