ރައްޔިތުންގެ މަޖިލީހުހެ ކުރެންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަނީ އަބްދުލްހަކީމް އެލިއާ އިންވެސްޓްމަންޓަށް ބައި މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ސިވިލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއިދުކޮށްފިއެވެ.

ހައި ކޯޓުން އެގޮތަަށް ހުކުމް ކުރީ މެމްބަރު އަބްދުލްޣަނީގެ ބޮޑު ހިއްސާއެއް އޮންނަ އަދި މެނޭޖިން ޑިރެކްޓަރުކަން ކުރައްވާ ލޮގް ވުޑް މޯލްޑިވްސް އާއި އޭނާގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހެޅި މައްސަލައެއްގައެވެ. އެ މައްސަލަ ސިވިލް ކޯޓުން ޣަނީ އާއި އޭނާގެ ކުންފުންޏާ ދެކޮޅަށް ނިންމުމުން ހައި ކޯޓުގައި އޭނާ ވަނީ އެމައްސަލަ އިސްތިއުނާފްކޮށްފައެެވެ.

މި މައްސަލަ ސިވިލް ކޯޓުގައި ނިމިފައި ވަނީ ސެޕްޓެމްބަރު 17، އޮކްޓޯބަރު 2019 ގައެވެ. ޣަނީ އާއި އޭނާގެ ކުންފުނީގެ މައްޗަށް ހުކުމް ކޮށްފައިވަނީ ދައްކަން ޖެހި ނުދައްކަވާ އޮތް 455،368ރ. އާއި ވަކީލުގެ ހަރަދަށް ދިޔަ 68،305ރ. އާ އެކު ޖުމްލަ 523،673ރ. ދެއްކުމަށެވެ.

ސިވިލް ކޯޓުން ލޮގް ވުޑާއި ޣަނީގެ މައްޗަށް ހުކުމްކޮށްފައިވަނީ ހުކުމް ކުރި ތާރީހުން ފެށިގެން ފަސް މަސް ދުވަހުގެ ތެރޭގައި އެ މަހަކަށް ޖެހޭ ވަރު ސިވިލް ކޯޓަށް ދައްކައި ހަލާސް ކުރުމަށެވެ. އެ ހުކުމް ޣަނީ އާއި ލޮގް ވުޑް މައްޗަށް ކުރީ އެ ދެ ފަރާތުގެ ޣައިރު ހާޒިރުގައެވެ.

ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައިވަނީ ދަރަނި ދެއްކުމުގެ ގޮތުން ކުންފުނީގެ މެދުގައި ހަދާފައިވާ "ޑެޓް ސެޓުލްމަންޓް އެގްރީމަންޓް" އަކީ ލޮގް ވުޑް އާއި ޣަނީ އާއި އެ މުއާމަލާތަށް ގެރެންޓީ ދީފައިވާ ފަރާތުގެ ހައިސިއްޔަތުން ޣަނީ ދައްކަވަން ޖެހޭ ފައިސާ ކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އެހުކުމަށް ތާއިދުކޮށް ހައި ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ ދެފަރާތުން ޝަރީއަތުގައި ދެއްކި ވާހަކައިން އެ ދެ ކުންފުނީގެ ދެމެދުގައި ހެދި އެއްބަސްވުމުގެ ސައްހަކަމާ މެދު ސުވާލު އުފައްދާފައި ނުވާ ކަމަށެވެ. އަދި އެއްބަސްވުމުގައި ސޮއި ކުރުމަށް ދެ ފަރާތުން ކުރެ އެއްވެސް ފަރާތަކުން އިންކާރު ނުކުރާ ކަމަށް ހުކުމުގައި ބުނެފައިވެއެވެ. އަދިއެއްބަސްވުމުގެ ދީބާޖާއަށް ބަލާ އިރު، އެ އެއްބަސްވުމަކީ އެލިއާ އިންވެސްޓްމަންޓްސް އަށް ދައްކަންޖެހި ނުދެއްކިވާ ފައިސާ ދެއްކުމުގައި އަމަލު ކުރާނެ ގޮތުގެ މައްޗަށް ވެފައިވާ އެއްބަސްވުމެއްކަން އެންގެން އޮންނަ ކަމަށް ހުކުމްގައިވެއެވެ. މީގެއިތުރުން އެއްބަސްވުމުގައި އިސްތިއުނާފް ކުރާ ފަރާތުގެ ހައިސިއްޔަތަކީ ލޮގް ވުޑްގެ ފަރާތުން ގެރެންޓީ ނުވަތަ ޔަގީންކަން ދޭ ފަރާތް ކަމުގައި އެނގެން އޮންނަ ކަމަށް ހައިކޯޓުގެ ހުކުމްގައިވެއެެވެ.

އެލިއާ އިންވެސްޓްމަންޓަށް ދައްކަން ޖެހޭ އެފައިސާ، އަށް މަހަށް ބަހާލައިގެން ދެއްކުމަށް ގެރެންޓަ އެއްބަސްވެފައިވާ ކަމަށާއި އެ އެއްބަސްވުމުގައި އިސްތިއުނާފް ކުރި ފަރާތުން ސޮއިކުރި އިރު، އެ ފަރާތުން ސޮއިކުރީ ވެސް ލޮގް ވުޑްގެ ގެރެންޓާގެ ހައިސިއްޔަތުން ކަން އެނގެން އޮންނަ ކަމަށް ހައިކޯޓުގެ ހުކުމުގައިވެއެވެ.

ހުކުމުގައި ބުނެފައިވަނީ އެ ދަރަންޏަށް ފުރިހަމަ ޒިންމާ އަބްދުލްޣަނީ ފަރުދީ ގޮތުން ނަގާނެ ކަމަށް އެގްރިމަންޓުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އާންމު އުސޫލުން ކުންފުންޏެއްގެ ޑިރެކްޓަރުންނަކީ އޭނާގެ ކުންފުނީގެ ދަރަންޏަށް ފަރުދީ ގޮތުން ޒިންމާވާންޖެހޭ ފަރާތެއް ނޫން ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ.

އެކަމަކު އިސްތިއުނާފް ކުރާ ފަރާތުން އެއްބަސްވުމުގައި ބައިވެރިވެފައި ވަނީ ކުންފުނީގެ ޑިރެކްޓަރެއްގެ ހައިސިއްޔަތަކުން ނޫން ކަން ވަރަށްވެސް ސާފުކޮށް އެނގޭ ކަމަށާއި އިސްތިއުނާފު ކުރާ ފަރާތުން އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާއަށް ގެރެންޓީ ދީފައިވަނީ ފަރުދީ ގޮތުން އެ ފައިސާއަށް ޒިންމާވާނޭ ކަމަށް ޔަގީންކަން ދީ އެފަދައިން އެއްބަސްވެގެންކަން އެނގެން އޮންނަ ކަމަށް ވެސް ހުކުމުގައި ބުނެފައިވެއެވެ. ގާނޫނީ ހަމަތަކުގެ މަތިން ދެފަރާތުން ހަދާ އެއްބަސްވުންތަކަކީ އޭގެ ދަށުން އުފުލަންޖެހޭ އެންމެހާ ޒިންމާތައް އެ އެއްބަސްވުމުގައިވާ ގޮތުގެ މަތިން އުފުލުން ލާޒިމް ކަމެއް ކަމަށް ހައިކޯޓުގެ ހުކުމުގައިވެއެވެ.

އެކަންކަން ފާހަގަކޮށް މި މައްސަލަ ބެއްލެވި ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ސިވިލް ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ޖެހޭ ފަދަ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި ހުކުމްކޮށްފައެވެ.

ހައި ކޯޓުގައި މި މައްސަލަ ބެެއްލެވީ ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.

ހައިކޯޓުގެ މި ނިއްމުން ސްޕްރީމް ކޯޓުން ދަމަހައްޓައިފިނަމަ ކުރެންދޫ ދާއިރާގެ މެމްބަރު އަބުދުލް ޣަނީގެ ގޮނޑި ގެެއްލޭނެއެވެ. އެއީ ޤާނޫނު އަސާސީގެ 73ވަނަ މާއްދާގެ ށ. ގައި ބަޔާންކޮށްފައިވާ މެމްބަރުކަމުން ވަކިވާ ޙާލަތްތަކުގެ ތެރޭގައި އަދާކުރާން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހަކު ކަމުގައިވާން ޖެހޭތީއެވެެ. މީގެ ކުރިން ވެސް ސާބިތު ދަރަނީގެ މައްސަލަތަކުގެ ސަބަބުން ބައެއް މެމްބަރުންގެ ގޮނޑި ގެއްލިފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު