މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ކުރިއަށްގެންދާ މަޝްރޫޢުތަކާއި މަސައްކަތްތަކުގެ މަޢުލޫމާތު ވިިލިމާލެ ރައްޔިތުންނާއި ހިއްސާކޮށްފިއެވެ.

މި މައުލޫމާތު ހިއްސާކޮށްފައިވަނީ މާލެ ސިޓީ ކައުންސިލުން ބާއްވާ އަވަށު ބައްދަލުވުންތަކުގެ ތެރެއިން ވިލިމާލެ ދާއިރާގެ ރައްޔިތުންނާއެކު ރޭ ބޭއްވި ބައްދަލުވުމުގައެވެ.

މި ބައްދަލުވުން ބާއްވައިފައިވަނީ ވިލިމާލެ މުހިއްޔިއްދީން ސްކޫލުގައެވެ. މި ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން ބައެއް ކައުންސިލަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު އުޝާމް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި އެދާއިރާގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާއި މަޝްރޫޢުތަކުގެ މަޢުލޫމާތުވެސް ރައްޔިތުންނާއި ވަނީ ހިއްސާކުރައްވާފައެވެ. އޭގެ ތެރޭގައި އިސްލާމިކް ބޭންކްގެ އޭޓީއެމްގެ ޚިދުމަތް ދިނުމާއި މިސްކިތްތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރުމާއި މާރުކޭޓް ޤާއިމް ކުރުން ހިމެނެއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މާލެސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ ކައުންސިލުގެ އަމާޒަކީ ވީހާވެސް ރައްޔިތުންނާއި ގާތުން މަސައްކަތް ކުރުންކަމަށެވެ. އަދި ކުރިއަށް އޮތް ރަމަޟާން މަހަށްފަހު ރަސްމީ ޖަލްސާ ނޫންގޮތަށް ވަށްމޭޒު ބަހައްޓައިގެން ރައްޔިތުންގެ ބައްދަލުވުންތައް ކުރިއަށް ގެންދާނެ ކަމުގައިވެސް މޭޔަރު ވިދާޅުވިއެވެ. މި ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މަހަކު އެއްފަހަރުއެވެ.



ކިޔުންތެރިންގެ ހިޔާލު