އަހުމަދު މަސްނޫމް   10 މާރިޗު 2022 - 18:38
ސަރުކާރުން ގދ. ތިނަދޫގައި ތަރައްޤީކުރާ ޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ސަރުކާރުގެ ފަރާތުން މި މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީންނެވެ. އަދި މި ބަނދަރު ބަލަހައްޓާނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލުންނެވެ.

އެމްޓީސީސީން މިމަސައްކަތް ކުރިއަށްގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އަދި ފުރަތަމަ ފިޔަވަހީގައި ކުރިއަށްގެންދިޔައީ ބަނދަރު ފުންކުރުމާއި ބަނދަރު ސަރަޙައްދުގެ ފެން ހިންދާ ނިޒާމުގެ މަސައްކަތާއި ޕޯޓްގެ ފެންސް ޖެހުމުގެ މަސައްކަތެވެ.

މި ބަނދަރަކީ ބޭރުން އަންނަ ބޯޓުފަހަރަށް ސީދާ ޚިދުމަތް ދެވޭ ފެންވަރުގައި ތަރައްޤީކުރާ ބަނދަރެކެވެ. މި މަސައްކަތް ސަރުކާރުން ފެށީ 2020 ވަނަ އަހަރުގެ ޑިސެމްބަރުމަހުއެވެ.

މި މަޝްރޫޢުގެ ބޮޑު މަސައްކަތްތަކެއް ދެވަނަ ފިޔަވަހީގައި ހިމެނޭއިރު އެމްޓީސީސީން މިހާރު ވަނީ ޕޯޓް ތަރައްޤީކުރުމުގެ ދެ ވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތްތައް ފަށާފައެވެ. މިމަސައްކަތުގެ ދަށުން ޕޯޓުގެ އިދާރީ އޮފީސް އިމާރާތްކުރުމާއި، ގުދަން ހެދުމާއި ވަރކްޝޮޕް އިމާރާތްކުރުމުގެ މަސައްކަތް އަދި ނަރުދަމާ ނިޒާމު ޤާއިމުކުރުމާއި ފެންޑަރާއި ލައިޓް ޕޯސްޓް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

ސަރަޙައްދީ ބަނދަރުތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށްދާއިރު އައްޑޫ ހިތަދޫ ޕޯޓް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތްވެސް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު