ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ އެން.އެސް.އޭ. ލެވެލްގެ ފަސްވަނަ ބައްދަލުވުން ނިންމާލައިފިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރސް އޮފީހާއި މިނިސްޓްރީ އޮފް ޑިފެންސް ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ. ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މި ބައްދަލުވުން ބާއްވާފައިވަނީ ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާގައެވެ.

ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްއަކީ އިންޑިޔާއާއި، ސްރީލަންކާއާއި ރާއްޖެއިން ގުޅިގެން، ސަލާމަތީ ރޮނގުން އެއްބާރުލުން އިތުރުކުރުމަށް އުފައްދާފައިވާ ފްރޭމްވަރކެކެވެ. މިފްރޭމްވަރކް ބިނާވެފައިވަނީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، އިންސާނީ ވަގުފާރިއާ ދެކޮޅަށް މަސައްކަތްކުރުމާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމާއި، ސައިބަރ ސެކިއުރިޓީ ކަށަވަރުކުރުމެވެ.

މިއަހަރުގެ ބައްދަލުވުމުގައި ވަނީ މިކަންކމަުގެ އިތުރުން ހާދިސާގެ ވަގުތުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅެގޮތުންވެސް މަޝްވަރާކޮށްފައެވެ. އަދި މި ކޮންކްލޭވް ނިންމާލާފައިވަނީ މިފަދަ ކަންކަމަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދީގެން ޤައުމުތައް ގުޅިގެން މަސައްކަތްކުރުމަށް އަޒުމް ކަނޑައަޅައިގެންނެވެ.

މި ކޮންކްލޭވްގެ ފައުންޑިންގ މެންބަރުންގެ ގޮތުގައި ހިމެނޭ އިންޑިޔާއާއި ސްރީލަންކާ އަދި ދިވެހިރާއްޖޭގެ ވަފްދުތަކުގެ އިތުރުން ކޮންކްލޭވާ އަލަށް ގުޅުނު މޮރިޝަސްއިން ވަނީ ބައްދަލުވުންތަކުގައި ބައިވެރިވެފައެވެ. މީގެ އިތުރުން ބަންގްލަދޭޝާއި ސީޝެލްސްއިން ވަނީ އޮބްޒާވަރ ޤައުމުތަކުގެ ގޮތުގައި މި ބައްދަލުވުންތަކުގައި ބައިވެރިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު