މިއަހަރުގެ ފެބްރުއަރީމަހު ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ހިދުމަތާއި މުދަލުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީންކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ހާމަކޮށްފިއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ބުނީ މިއަހަރުގެ ފެބްރުއަރީމަހު މީރާއަށް 1.41 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށާއި މިއީ މިދިޔަ އަހަރުގެ ފެބްރުއަރީމަހާއި އަޅާބަލާއިރު 40.1 އިންސައްތަ އިތުރު ޢަދަދެއްކަމަށެވެ.



މީރާއިން ބުނީ މިދިޔަމަހު ލިބުނު ޢާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީން ކަމަށާއި އެއީ 972.10 މިލިއަން ރުފިޔާކަމަށެވެ. މީގެއިތުރުން އިންކަމް ޓެކުހުން 138.21 މިލިއަން ރުފިޔާ ލިބިފައިވާއިރު ގްރީން ޓެކުހުގެ ގޮތުގައި 91.44 މިލިއަން ރުފިޔާ، އެއަރޕޯޓް ސަރވިސް ޗާޖްގެ ގޮތުގައި 51.99 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 44.85 މިލިއަން ރުފިޔާ، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 107.98 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާގެ ހިސާބުތައް ދައްކައެވެ.

މީރާއިން ބުނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހާއި އަޅާބަލާއިރު މިއަހަރުގެ ފެބުރުވަރީމަހު މީރާއަށް ލިބުނު އާމްދަނީ އިތުރުވީ ޖީ.އެސް.ޓީ، އިންކަމް ޓެކްސް، ގްރީން ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުމުންނެވެ.

މީރާއިން ބުނީ ފެބްރުއަރީމަހު ލިބުނު އާމްދަނީއަކީ އެމަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ ޢަދަދަށްވުރެ 17.6 އިންސައްތަ އިތުރު ޢަދަދެއްކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު