އަހުމަދު މަސްނޫމް   12 މާރިޗު 2022 - 17:10
ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމަށް މީހަކު ހޯދަން އިއުލާންކޮށްފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފެމިލީ ކޯޓުގެ އިސް ގާޒީގެ މަޤާމަށް މީހަކު ހޯދަން އިއުލާންކޮށްފައި މިވަނީ އެ މަޤާމު ހުސްކޮށް އޮންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.

ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމުގައި އެންމެ ފަހުން ހުންނެވި ގާޒީ ހަސަން ސައީދެވެ. 2019 ވަނަ އަހަރު އޭނާ ވަނީ ސުލޫކީ މައްސަލައެއްގައި ކްރިމިނަލް ކޯޓަށް ބަދަލުކޮށްފައެވެ. އަދި އޭގެފަހުން އެ ކޯޓު ހިންގަމުންދިޔައީ އެކި ފަހަރު އެކި ފަނޑިޔާރުންނާއި ހަވާލުކޮށްގެނެވެ.

ޖޭއެސްސީން އިއްޔެ ނެރުނު އިއުލާނެއްގައި ވަނީ ފެމިލީ ކޯޓުގެ އިސް ގާޒީ ކަމަށް ޝައުގުވެރިވާ މީހުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ.

ފެމިލީ ކޯޓުގެ އިސް ގާޒީއަށް މުސާރަ އާއި އިނާޔަތްތަކާއެކު މަހަކު 47000 ރުފިޔާ ލިބޭއިރު، ފެމިލީ ކޯޓަކީ މާލޭގެ ކޯޓުތަކުގެ ތެރެއިން މި ވަގުތު އިސް ގާޒީއަކު ނެތް ހަމައެކަނި ކޯޓެވެ.



ކިޔުންތެރިންގެ ހިޔާލު