ސިފައިންގެ ތަމްރީންތަކުގައި ދިމާވާ މައްސަލަތައް ބަލަން ފަންނީ ޓީމެއް އެކުލަވާލައި އެފަދަ މައްސަލަ ބަލަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

ޅ. މާފިލާފުށީގައި ތަމްރީން ހަދަމުން ދިޔަ ޒުވާނެއް ކަމުގައިވާ ގދ. ގައްދޫއަށް ނިސްބަތްވާ ޕްރައިވެޓް މުހައްމަދު ރާފިލް ރަބީލް މިމަހުގެ ހަތްވަނަ ދުވަހު ވަނީ ނިޔާވެފައެވެ. އަދި ތަމްރީން ހަދަމުން ދިޔަ ސިފައިންގެ އިތުރު ދެ މީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާއިރު އޭގެތެރެއިން އެކަކަށް ފަރުވާ ދެނީ އައިސީޔޫގަ އެވެ.

އެކަމާ ގުޅިގެން އެމްއެންޑީއެފްގެ ތަމްރީން ހަދަމުންދާ މީހުންނަށް ދިމާވަމުންދާ މައްސަލަތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް އެކި އިދާރާތަކުގެ ފަންނީ ބޭފުޅުންގެ މައްޗަށް އެކުލެވޭ ޓީމެއް އެކުލަވާލައި މައްސަލަ ބަލަން ވަނީ ފަށައިފިއެވެ.

އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަސްކަރީ ތަމްރީން ތަކަކީ އޭގެ ޒާތުގައި ބުރަ އަދި "ރިސްކް" ހިމެނޭ ތަމްރީން ތަކެއް ކަމަށެވެ.

މިތަމްރީންތަކަށް ނެގޭ ސިފައިންނަކީ ފިޒިކަލް އަދި މެޑިކަލް ޓެސްޓްތަކެއް ހެދުމަށްފަހު ޓްރެއިނިންތަކުގައި ބައިވެރިވެވޭ މީހުން ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

"ތިން ކުއްޖެއްގެ މެޑިކަލް މައްސަލަތަކެއް ދިމާވެ އޭގެތެރެއިން އެއްކުއްޖަކު ނިޔާވެ ދެވަނަ ކުއްޖަކަށް އައިސީޔޫގައި ފަރުވާކުރަންޖެހި އަދި ތިންވަނަ ކުއްޖަކު އެޑްމިޓްކޮށް ފަރުވާ ދޭންޖެހުމަކީ އެމްއެންޑީއެފުން މިކަމާ ކަންބޮޑުވެ ހިތާމަކުރާ ކަމެކެވެ،" އެމްއެންޑީއެފްގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްއެންޑީއެފުން ބުނީ ޓްރެއިނިންގައި ދިމާވަމުންދާ މައްސަލަތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި އެކި އިދާރާތަކުގެ ފަންނީ މީހުން ހިމެނޭ ގޮތަށް ކޮމިޓީއެއް އެކުލަވާލައި ދިމާވާ މައްސަލަތައް ބެލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މިމައްސަލަތަކާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ހާމަކުރާނީ ކޮމިޓީގެ މަސައްކަތް ނިމުމުން ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

އެމްއެންޑީއެފްގެ ތަމްރީންތަކުގައި ދިމާވާ މައްސަލަތައް ބަލަން ފަށާފައިވާއިރު ސިފައިންގެ ތަމްރީން ތަކުގައި މިފަހުން މައްސަލަތަކެއް އުޅޭކަމަށްބުނެ ގިނަ އާންމުން ދަނީ ޝޯޝަލް މީޑިޔާގައި ކަންބޮޑުވުން ފާޅުކުރަމުންނެެވެ.



ކިޔުންތެރިންގެ ހިޔާލު