ޔޫތު މިނިސްޓަރު އަޙުމަދު މަހުލޫފުގެ މައްޗަށް ކުރި ރިޝްވަތު ހިފުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ހައިކޯޓުގައި މާދަމާ ބާއްވަން ތާވަލްކޮށްފިއެެވެ.

ޔޫތު މިނިސްޓަރު އަޙުމަދު މަހުލޫފުގެ މައްޗަށް ކުރި ރިޝްވަތު ހިފުމުގެ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ވަނީ އެމައްސަލަ ބޭރުކޮށްލާފައެެވެ. ކްރިމިނަލް ކޯޓުގެ ނިއްމުން ޕީޖީ އޮފީހުން އިސްތިއުނާފް ކުރުމާއި ގުޅިގެން ބާއްވާ ޝަރީއަތުގެ އަޑުއެހުން ހައިކޯޓުގައި ތާވަލްކޮށްފައިވަނީ މާދަމާ މެންދުރުފަހު 2:00 އަށެވެ.

މަހްލޫފްގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި އެސްއޯއެފް ކުންފުނިން މަހްލޫފަށް 33،000 ޑޮލަރު (500،000 އަށް ވުރެ ގިނަަ ރުފިޔާ) ދިން ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެެވެ.

މަހުލޫފްގެ މައްސަލަ ބޭރުކޮށް ކްރިމިނަލް ކޯޓުން ނިއްމި ނިއްމުމުގައި ބުނެފައިވަނީ ދައުލަތުން މަހުލޫފާއި ދެކޮޅަށް ހުށައެޅި ހެކިތަކަކީ އެ ދައުވާ ކުރިއަށް ގެންދެވޭނެ ފަދަ ބުރަދަނެއް ހުރި ހެކިތަކެއް ނޫންކަމަށެވެ. މަހުލޫފް ވަނީ އޭނާގެ މައްޗަށް ކުރާ ރިޝްވަތު ހިފުމުގެ ދައުވާ އަށް އިންކާރު ކުރައްވާފައެވެެ.

މަހްލޫފްގެ މައްޗަށް ކުރާ އެ ދައުވާ ސާބިތުވެއްޖެ ނަމަ، ގިނަވެގެން ހަތް އަހަރަށް އޭނާ ޖަލަށްލާން ނުވަތަ ގޭ ބަންދު ކުރަން ނުވަތަ އަރުވާލުމުގެ ހުކުމެއް އައުމުގެ ފުރުސަތު އެބައޮތެވެ. ރިޝްވަތު ހިފުމުގެ މައްސަލައިގައި ދައުވާ ކޮށްފިނަމަ ވަޒީރުކަމުން އިސްތިއުފާ ދެއްވާނެ ކަމަށް މަހުލޫފް ވިދާޅުވި ނަމަަވެސް އޭނާ ފަހުން ވަނީ އެ ނިއްމުން ބަދަލުކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު