ހަތިޔާރާއެކު ހަރަކާތްތެރިވާ ބޭރުގެ ސިފައިން ރާއްޖޭގައި ތިބި ކަމަށް ދެކެވޭ ވާހަކަތައް ގައުމީ ސަލާމަތާބެހޭ ޚިދުމަތް، އެމްއެންޑީއެފުން ދޮގުކޮށްފިއެވެ.

އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަތިޔާރާއެކު ހަރަކާތްތެރިވާ ބޭރުގެ ސިފައިންގެ އެއްވެސް ބަޔަކު ދިވެހިރާއްޖޭގެ އެއްވެސް ތަނެއްގައި ނެތް ކަމަށެވެ. އަދި އުތުރުތިލަފަޅުގައި ތަރައްގީ ކުރާ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑްގައިވެސް ހަތިޔާރާއެކު ބޭރުގެ އެއްވެސް ބަޔަކު ހަރަކާތްތެރި ނުވާނެ ކަމަށް އެ ބަޔާނުގައިވެއެވެ.

އެމްއެންޑީއެފުން ނެރުނު ބަޔާނުގައި ރާއްޖޭގެ ގައުމީ ސަލާމަތާއި ރާއްޖޭގެ އަމާން ކަމާއި ސުލްހަމަސަލަސްކަން ގެއްލުވާލާ ދިވެހި އަސްކަރިއްޔާގެ ނަޒާހަތްތެރިކަން ގެއްލުވާލާ ސިފައިންގެ އަގުވައްޓާލަން ހަގީގަތާއި ހިލާފު ދޮގު ވާހަކަތައް ނުފެތުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ދިވެހި ގައުމާއި ސަލާމަތާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ދިފާއުކޮށް ނެގެހެއްޓުމުގައި ދިވެހި އަސްކަރިއްޔާ ސާބިތުކަން މަތީ ދެމި އޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަޔާނުގައި ވަނީ ދީފައެވެ.

އެމްއެންޑީއެފުން މިފަދަ ބަޔާނެއް ނެރެފައިމިވަނީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިންގެ އަތުގައި ހަތިޔާރު ހުރި ކަމަށް ވިދާލުވެ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބުދު ﷲ ޔާމިން ތުހުމަތުތަކެއް ކުރަށްވާފައި ވަނިކޮށެވެ.

އދ. މަހިބަދޫގައި އިއްޔެ ބޭއްވި ރެލީއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އުތުރުތިލަފަޅުގައި މަސައްކަތް ކުރާ އިންޑިއާ ސިފައިންނަށް ބޭނުން ހަތިޔާރެއް ގެނައުމުގެ ހުއްދަ ދިވެހި ސަރުކާރާއެކު ހެދި އެއްބަސްވުވަމުން ދީފައިވާ ކަމަށެވެ. އިންޑިއާ ސިފައިން ރާއްޖޭގައި އުޅެނީ ހަތިޔާރާއެކު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ރާއްޖޭގައި ހުރިހާ ތަނެއްގައި މި އުޅޭ މީހުންގެ (އިންޑިއާ ސިފައިން) އަތުގައި ހަތިޔާރު އެބަހުރި، ހަތިޔާރު ހުންނާނެ." ރައީސް ޔާމިން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު