އުތުރުތިލަފަޅަކީ އިންޑިއާގެ އަސްކަރީ މަރުކަޒެއް ނޫން ކަމަށާއި އެތަނަކީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގައި ހިނގާ ތަނެއް ކަމަށް ދިވެހި ދިފާޢީ ބާރު، އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން މިހެން ބުނީ އުތުރުތިލަފަޅަކީ އިންޑިއާގެ އަސްކަރީ މަރުކަޒެއް ކަމަށް ސިފަވާ ގޮތަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބުދު ﷲ ޔާމިން ދެއްކެވި ވާހަކަފުޅާއި ގުޅިގެން މިރޭ ނެރުނު ނޫސްބަޔާނެއްގައެވެ.

އެބަޔާނުގައި ބުނެފައިވަނީ އުތުރުތިލަފަޅުގައި ތަރައްގީ ކުރާ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑާ ގުޅޭގޮތުން ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ދެއްކެވި ވާހަކަތަކަކީ ރައްޔިތުންގެ މެދުގައި ނުތަނަވަސް ކަމާއި ފިތުނަ އުފެދޭ ގޮތަށް ދައްކާފައިވާ ހަގީގަތަކާއި ހިލާފު ވާހަކަތަކެއް ކަމަށެވެ.

އުތުރުތިލަފަޅުގައި ތަރައްގީ ކުރާ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑަކީ ދިވެހި ގައުމީ ދިފާއީ ބާރުގެ ބޭނުންތަކަށް އަމާޒުކޮށް ގަައުމީ ދިފާއީ ބާރުން ފަރުމާކޮށް ދިވެހި ސިފަައިންގެ ގާބިލުކަން އިތުރުކުރުމަށް ތަަރައްގީ ކުރާ ދިވެހި ދައުލަތުގެ ސައްތައިން ސައްތަ މިލްކުވެރިކަން އޮތް ތަނެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެތަނަށް ދިވެހި ދައުލަތުގެ ފުރިހަމަ ބާރު ހިނގާނެ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

ރާއްޖެއާއި އިންޑިއާއިން ހަދާފައިވާ އެއްބަސްވުމުގެ ތެރެއިން އިންޑިއާގެ އަސްކަރިއްޔާގެ އުޅަނދުތަކަށް ސަރުކާރުގެ އެއްވެސް ހުއްދައެއް ނެތި މިހާރު ރާއްޖެ ސަރަހައްދަށް ވަދެވޭނެ ކަމަށާއި ހަމައެެކަނި އިންޑިއާގެ އުޅަނދެއް ރާއްޖެ އަންނަކަން ދިވެހި ސަރުކާރަށް އަންގާލުމުން ފުދޭ ގޮތަށް އެއްބަސްވުން ހަދާފައިވާ ކަމަށް ވިދާލުވެ ރައީސް ޔާމިން ކުރެއްވި ތުހުމަތު ދޮގުކޮށް ޑިފެންސް މިނިސްޓްރީން ބުނީ އެހެން ގައުމުތަކުގެ އަސްކަރީ އުޅަނދުތައް ރާއްޖޭގެ ސަރަހައްދަށް ވަނުމުގެ ކުރިން ހޯދަން ޖެހޭ ޑިޕްލޮމެޓިކް ކްލިއަރެންސް ނުވަތަ ހުއްދަ ދިނުމަކީ ދިވެހި ދައުލަތުގެ އަބަދުމެ ދެމި އޮންނާނެ ސިޔާދަތީ ހައްގެއް ނުވަތަ ސޮވެރިން ރައިޓްސްއެއް ކަމަށެވެ.

އެހެން ކަމުން ބޭރު ގައުމެއްގެ އަސްކަރީ އުޅަނދުތައް ރާއްޖެއަށް އައުމުގައި ދިވެެހި ދައުލަތުގެ ޑިޕްލޮމެޓިކް ކްލިއަރެންސް ނުވަތަ ހުއްދަ ނަގަން ނުޖެހޭނެ ކަމަށާ އަދި އެ ބަނދަރަށް ވަންނަން ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ހުއްދައެއް ހޯދަން ނުޖެހޭނެ ކަމަށް ވިދާޅުވެ ރައީސް ޔާމީން ދައްކަވާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ކަމުގެ ހަގީގަތް އޮޅޭގޮތަށް ދައްކާފައިވާ ދޮގު ވާހަކަތަކެއް ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު