ކޯވިޑާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ގިނަ ފިޔަވަޅުތަކެއް އުވާލައިފިއެވެ.

އެޗްއިއޯސީން މިރޭ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ބުނީ ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާއިރު ޕީސީއާރު ޓެސްޓް ހަދަންޖެހޭ އުސޫލު އުވާލާފައިވާކަމަށެވެ. އަދި ރާއްޖެއިން ބޭރުން ރާއްޖެ އަންނައިރު ޕީސީއާރު ޓެސްޓް ހަދަންޖެހޭ އުސޫލުވެސް އުވާލާފައިވާކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން މާސްކު އެޅުން މަޖްބޫރުކޮށްފައި އޮތްއޮތުންވެސް ވަނީ ނިމުމަކަށް ގެނެސްފައެވެ. ނަމަވެސް މީހުން ގިނައިން އެއްވާ ތަންތަނާއި ސިއްހީ ހިދުމަތްދޭ ތަންތަނުގައި މާސްކު އަޅަންޖެހޭނެކަމަށް އެޗްއީއޯސީން ބުނެއެވެ.

އެޗްއީއޯސީން ބުނީ ޕޮޒިޓިވް ރޭޓް 20 އިންސައްތައަށްވުރެ މައްޗަށް ގޮސްފިނަމަ މާސްކު އެޅުން މަޖުބޫރުވާނެ ކަމަށެވެ. އަދި ބަލީގެ އަލާމާތްތައް ހުންނަ ފަރާތްތަކުން ޓެސްޓްކުރަންޖެހޭނެ ކަމަށާއި، ޕޮޒިޓިވްވެއްޖެނަމަ ކަރަންޓީންވާން ޖެހޭނެކަމަށްވެސް އެޗްއީއޯސީން ބުނެއެވެ. މީގެއިތުރުން ސްކޫލްތަކުގައި މާސްކު އަޅަންޖެހޭ އުސޫލުވެސް މިނިސްްޓްރީން އިއުލާންކުރާނެކަމަށް އެޗްއީއޯސީން މިރޭ ބުންޏެވެ.

ކޯވިޑާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް އުވާލާފައި މިވަނީ މީގެ 2 އަހަރެއްހާ ދުވަސްކުރިން ރާއްޖޭގައި އިއުލާންކުރި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ރައީސުލްޖުމްހުރިއްޔާ ނިންމެވުމާއި ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު