ތ. ދިޔަމިގިލީގައި އިއްޔެ ވަޅިހަރައި ޒަޚަމްކޮށްލި މުދިމުގެ ހާލު ސީރިއަސްވެ އިތުރު ފަރުވާ އަށް މާލެ ގެނެސްފިއެވެ.

އިއްޔެ ހެނދުނު 09:48 ހާއިރު ދިޔަމިގިލީގައި ތިންކޮޅުފުށި ސަރަހައްދުގައި މުދިން ކަން ކުރާ އަހުމަދު ރަޝީދަށް ޒުވާނަކު ވަޅިން ހަމަލާ ދީފައިވަނީ އޭނާ ބައިސްކަލުގައި އިންދައެވެ.

އޭނާގެ ބުރަކަށިން ހަތަރު ތަނަކަށް ވަރަށް ފުން ޒަޚަމްތަކެއް ލިބިފައިވާއިރު ގައިގެ 11 ތަނަކަަށް ވަނީ ވަޅި ހަރާފަައެެެވެ. އޭނާއަށް ދިޔަމިގިލީ ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެެ.

މުދިމު އަހުމަދު ރަޝީދަށް ހަމަލާދިން މިހާދިސާ އާއި ގުޅޭ ސީސީޓީވީ ފުޓޭޖް މިހާރު ވަނީ އާންމުވެފައެވެ. ވީޑިއޯ އިން ފެންނަގޮތުން ވާހަކަ ދައްކަން ހުރުމަށްފަހު ކުއްލިއަކަށް ޒުވާނާ އެތައް ފަހަރަކު މުދިމަށް ވަޅިން ހަމަލާ ދޭ މަންޒަރު އެ ވީޑިއޯ އިން ފެނެއެެވެ.

ފުރަތަމަ ހަމަލާ ދިނުމަށް ފަހު ވަކި ހިސާބަކަށް ގޮސް އެނބުރި އައިސް އަލުން ހަމަލާދޭއިރު ޖުމުލަ 13 ފަހަރު މުދިމުގެ ގަޔަށް ވަޅިން ހަމަލާދޭ މަންޒަރު ވީޑިއޯ އިން ފެނެއެވެ. އޭރު އެ މީހާ އޮންނަނީ ބައިސްކަލާއެކު ވެއްޓިފައެވެ. އަދި އޭނާގެ ހަށިގަނޑަށް އެތައް ފަހަރަކު ވަޅިއަކުން ހަމަލާ ދިނުމަށް ފަހު އެ ޒުވާނާ ދަމުން އެ ސަރަހައްދުގައި ހުންނަ ބަސްތާއެއްގައި ވަޅި ހާކާލާ އެ ވަޅީގައި ހުރި ލޭތައް ސާފުކުރާތަންވެސް ވީޑިއޯ އިން ފެނެއެވެ.

ފުލުހުން ބުނީ ތ. ދިޔަމިގިލީގައި މީހަކަށް ޙަމަލާދީފައިވާ ކަމުގެ މަޢުލޫމާތު އިއްޔެ ހެނދުނު ލިބިފައިވާ ކަމަށެވެ. މިމައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ތަހުގީގް ކުރަމުންނެެވެ.



ކިޔުންތެރިންގެ ހިޔާލު


8

ތިމަންނަ

18-Mar-2022

އިތުރަށް ތަހުގީގު ކުރަން 3 އަހަރު.... , އިންސާފު އޮންދަ ސްޕޮޓް ,, ތަހުގީގު ކުރާނީ ފަހުން....


-7

ޙިޔާލު

18-Mar-2022

މިކަންކަން ހައްލުވާނީ ކިހިނަކުންބާ ؟