ހިޔާ ސަރަޙައްދުގައި ހަދާ "ހިޔާ ޕާކު" ގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިންމާ ރަމަޟާންމަހަށް އާއްމުންނަށް ބޭނުންކުރަން ހުޅުވާލާނެކަަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނެފިއެވެ.

މިއީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާ ފުރަތަމަ ޕާކު ސަރަޙައްދެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގައި ހަދާ ކޮންމެ ޕާކަކީވެސް ކޮންމެ އުމުރުފުރައެއްގެ މީހުންނަށްވެސް، ހިތްހަމަޖައްސާލާ ވަގުތު ހޭދަކޮށްލުމަށް ބޭނުންކުރެވޭގޮތަށް ހަދާ ތަންތަންކަމަށެވެ. އެގޮތުން ކުޑަކުދިންނަށް ކުޅެ އުޅެވޭނެ ސަރަޙައްދާއި، އިށީނދެލައިގެން ތިބުމަށް ބެންޗާއި އުނދޯލިފަދަ ވަސީލަތްތައް މި ޕާކުތަކުގައި ހިމެނެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގިނަ އާއިލާތަކެއް މިހާރުވަނީ ދިރިއުޅެން ފަށާފައެވެ. މި އާބާދީއަށް ބޭނުންވާ އަސާސީ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތުގެ ދަށުން، ދެވަނަ ފިޔަވަހި ހިޔާ ސަރަޙައްދުގައި ޕާކެއް ތަރައްޤީކުރަން ފެށީ ޖެނުއަރީ މަހުއެވެ. މިއީ އާއްމުން ހިއްތްހަމަޖައްސާލަން ތިބެލުމަށް ހިޔާ ސަރަޙައްދުގައި ހަދާ ފުރަތަމަ ޕާކެވެ.

އެޗްޑީސީން ހިޔާ ސަރަޙައްދުގެ ޕާކު މަސައްކަތް ކުރަނީ 2 ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ހަދަނީ ކުޑަކުދިންނާއި އަދި ބޮޑެތި މީހުންނަށްވެސް މަޑުކޮށްލައިގެން ތިބެވޭ ހިތްފަސޭހަ މައިޒާނެކެވެ.

މި މަސައްކަތުގެ 85 އިންސައްތަ މަސައްކަތް މިހާރުވަނީ ނިމިފައެވެ. އެޗްޑީސީން ބުނެފައިވަނީ ޕާކުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިންމާ ރަަމަޟާންމަހު އާއްމުންނަށް ބޭނުންކުރަން ހުޅުވާލުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.



މީގެ ކުރިން އެޗްޑީސީން ވަނީ ހިޔާގެ ބީޗް ސަރަޙައްދުގައި ގޮނޑިއާއި މޭޒު ހިމެނޭ ބެންޗު ޖަހާ، ބީޗް ސަރަޙައްދު އާއްމުންނަށް ފަސޭހައިން ބޭނުންކުރެވޭނެ ގޮތްވެސް ހަދާފައެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މާސްޓަރ ޕްލޭންވެސް ހަދާފައިވަނީ، މީހުން ދިރިއުޅެން ޖާގަ ދޫކުރާ މިންވަރަށް ހުސްޖާގަ ނުވަތަ ގްރީން ސްޕޭސް ހިމެނައިގެންނެވެ. އަދި އިޖުތިމާޢީ އެއްވުންތަކަށް ޕާކާއި މައިޒާންތައްވެސް ހިމެނޭގޮތަށެވެ. އެޗްޑީސީން މިހާރުވަނީ އެ ސަރަޙައްދުގައި ގަސް އިންދުމުގެ ޕްރޮގްރާމެއްވެސް ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު