ކުރިއަރ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި ދިވެހި ކަސްޓަމުން އަތުލައިގެންފިއެވެ.

ކަސްޓަމުން ބުނީ މިތަކެތި އަތުލައިގަނެފައިވަނީ ކުރިއަރ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައިފާސްކުރުމުގެ ތެރޭގައި، ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައިކަމަށެވެ.

އެގޮތުން 2022 މާރިޗު 9 ވަނަ ދުވަހު ބަލާ ފާސްކުރެވުނު ޕާރްސަލްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމް.ޑީ.އެމް.އޭ. (MDMA - Ecstacy) އަށް ޕޮޒިޓިވްވެފައިވާކަމަށް ކަސްޓަމުން ބުނެއެވެ.

ކަސްޓަމުން ބުނީ މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 1.115 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 3,000,000.00 (ތިން މިލިއަން) ރުފިޔާއަށް އަރާކަމަށެވެ. އަދި މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތި ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޙަވާލުކުރެވިފައި ވާކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން