އދގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު މިހާތަނަށް އަންހެނަކު ފުރާފައިނުވާ ކަމަށާއި، އެހެންކަމުން ދެން އަންނަ ދައުރަކަށް އެމަގާމަށް އަންހެނަކު އައްޔަންކުރުމަށް އދގެ ޢާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދު ﷲ ޝާހިދު ގޮވާލައްވައިފިއެވެ.

އާއްމު މަޖިލީހުގެ ރައީސް ޝާހިދު މިކަމަށް ގޮވާލެއްވީ އދގެ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެންގެ 66 ވަނަ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި އދގެ 76 އަހަރުވީ ތާރީޚުގައި ޢާއްމު މަޖިލީހުގެ ރައީސްކަން ކުރެއްވީ 4 އަންހެނުންކަމަށާއި، ސެކްރެޓަރީ ޖެނެރަލްކަން އެއްވެސް އަންހެނަކު ކޮށްފައި ނުވާކަމަށް ވިދާޅުވެފައިވެއެވެ. އަދި މިކަމަކީ ބަދަލުކުރަން ޖެހޭކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން މިންތީގެ ހަމަހަމަކަން ގާއިމްކުރުމާއި އަންހެނުން ބާރުވެރިކުރުމުގެ "ގޯލްޑް ސްޓޭންޑަރޑް" ކަނޑައެޅުމުގެ ވާހަކަ އދ އިން ދައްކާއިރު، އެކަމުގެ މިސާލު އދ ގައި ނުދައްކާ ނުތިބެވޭނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އަދި މިކަމުގައި އިސް ނަންގަވައި، ދެން އަންނަ ދައުރަކަށް އދގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަންހެނަކު ހޮވުމަށް ބާރު އަޅުއްވާނެކަމަށާއި، އެކަމުގައި އދގެ މެމްބަރު ގައުމުތަކުން އެމަނިކުފާނާ ބައިވެރިވުމަށް މިނިސްޓަރ ޝާހިދު ގޮވާލެއްވިއެވެ.

މިނިސްޓަރ ޝާހިދުގެ މި ގޮވާލެއްވުމަށް މެމްބަރު ގައުމުތަކުން ވަނީ ހޫނު ތަރުހީބެއް ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން