"އިންޑިއާ އައުޓް" ގޮވުން މަނާކުރާ ބިލު މަޖިލީހަށް ވެއްދުމާ މެދު އަލުން މަޝްވަރާކުރުމަށް ނިންމާފައިވާކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި އަސްލަމް މިހެން ވިދާޅުވެފައި މިވަނީ އިންޑިއާ އައުޓް ގޮވާ މައްސަލަ އަނެއްކާވެސް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

މީގެކުރިންވެސް އިންޑިއާ އައުޓް ހަރަކާތްތައް ހުއްޓުވުމަށް، އެމްޑީޕީގެ ޕީޖީއިން މިިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅު ބިލެއް ޑްރާފްޓް ކުރިއެވެ. ނަމަވެސް ފަހުން އެމަސައްކަތް ކުރިއަށް ގޮސްފައެއް ނުވެއެވެ.

އަސްލަމް ވިދާޅުވީ ބިލު މަޖިލީހަށް ވެއްދުމާ މެދު ރައްޔިތުންގެ މަޖިލީހުގެ އެ ޕާޓީގެ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުޅޭތީ، އެ ބިލު މަޖިލީހަށް ވެއްދުމާ މެދު އަލުން މަޝްވަރާކުރުމަށް ނިންމާފައިވާ ކަމަށެވެ.

އަސްލަމް ވިދާޅުވީ އިދިކޮޅުން ވަކި ގައުމަކާ ދޭތެރޭ އެގޮތަށް ޖައްސާލައި ކެމްޕެއިނެއް ހިންގުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އެހެންކަމުން މި ބިލު ކުރިއަށް ގެންދިއުމާއި ގުޅޭ ގޮތުން އިތުރަށް މަޝްވަރާ ކުރައްވާނެކަމަށް އަސްލަމް ވިދާޅުވިއެވެ.

އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތް ރަށްރަށުގައި ފުޅާކުރުމުގެ ގޮތުން، ރައީސް ޔާމީން ވަނީ އަތޮޅުތަކުގެ ރަށްރަށަށް ވަޑައިގެން، އެ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންފައެވެ. ހަމަ އެއާއެކު މާލޭގައިވެސް ސިލްސިލާކޮށް އިހުތިޖާޖުތައް ބާއްވައި، އިދިކޮޅުން ދަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކުރުމަށް ގޮވާލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން