ރާއްޖޭގައި ޕްރައިމަރީ ހެލްތުކެއާގެ މަސައްކަތް ފެށުމާއެކު ސިއްހީ ނިޒާމަށް އިންގިލާބީ ބޮޑު ބަދަލެއް އަންނާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ރޭ ވިދާޅުވެއްޖެއެެވެ.

ދައުލަތުގެ މީޑިޔާގައި ރޭ ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ އަންނަ މެއި ނުވަތަ އޭޕްރީލް މަހުގެ ތެރޭގައި ހެލްތުކެއާ ރަސްމީކޮށް އިފްތިތާޙް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ކޮވިޑުގެ ތެރޭގައި ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ ދިވެހި ރައްޔިތުންގެ މެޑިކަލް ރިކޯޑްސް ނެތް މައްސަލަ ކަމަށް ނަސީމް ވިދާޅުވިއެެވެ. އެހެންކަމުން ރައްޔިތުންގެ ދުޅަހެޔޮ ސިއްހަތަށް އަޅަންޖެހޭ އެންމެ މުހިންމު ފިޔަވަޅަކީ ޕްރައިމަރީ ހެލްތުކެއާ ނިޒާމެއް ގާއިމްކުރުންކަމަށް ނަސީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގޮސް މިއަހަންޖެހެނީ 95 އަހަރުވެފައިވާ މީހެއްް ކައިރީގައި ކޮންބައްޔެއްހޭ ގައިގައި ހުންނަނީ، އޭނާއަކަށް ނުވެސް އެނގޭނެ އެހެން ނޫންތޯ؟ ޕްރައިމަރީ ހެލްތުކެއާ ރަނގަޅަށް ކުރިއަށް ގެންދެވިއްޖެނަމަ އަޅުގަނޑުމެންނަށް ނުވަތަ އޭނާ ބަލާ ޑޮކުޓަރަށް އެނގޭނެ ކޮންބައްޔެއްކަން އޭނަ ގައިގައިހުރީ އޭނަ ކައިރީގައި ކޮންމެހެން އަހާކަން ނުޖެހޭނެ." ނަސީމް ވިދާޅުވިއެވެ.

މީގެ އިތުރުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ޕްރައިމަރީ ހެލްތުކެއާ ނިޒާމެއް ގާއިމް ކުރުމަކީ ރާއްޖޭގައި ނުކޮށް ދޫކޮށްލާފައި އޮތް ކަމެއް ކަމަށެވެ. އެ ނިޒާމް ގާއިމް ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަރަށް ބޮޑަށް ސަމާލު ކަމެއް ދެއްވައިގެން ކުރާ މަސައްކަތެއް ކަމަށާއި، އެހެންކަމުން ވަރަށް އަވަހަށް ޕްރައިމަރީ ހެލްތުކެއާ ފެށިގެންދާނެ ކަމަށް ނަސީމް ވިދާޅުވިއެވެ.

އަދި އުއްމީދަކީ މިއަހަރު ނިމެންވާއިރަަށް ރާއްޖޭގެ ހުރިހާ ރައްޔިތުންގެ މެޑިކަލް ރިކޯޑްސް ކޮންމެވެސް މިންވަރަކަށް އެއްކުރުން ކަމަށް ނަސީމް ވިދާޅުވިއެެވެ. މިނިސްޓަރު ނަސީމް ވިދާޅުވީ ޕްރައިމަރީ ހެލްތުކެއާ ނިޒާމުގެ ދަށުން ރައްޔިތުންގެ މެޑިކަލް ރިކޯޑްސް ބެލެހެެއްޓުމަކީ ދަތިކަމަކަށް ނުވާނެ ކަމަށެވެ.

"ކުރީ ޒަމާނާއި ޚިލާފަށް މިހާރު ކޮމްޕިއުޓަރުގައި ހުރިހާ އެއްޗެއް ހުންނާނީ، އެހެންވީމަ އެ އިންތިޒާމް އަޅުގަނޑުމެންނަށް ހަމަޖެެއްސޭނެ، ދެން އަނެެއްކާ އައްޑުއަތޮޅުގައި ހުރީ ކުޅުދުއްފުށީ މީހެއް އޭނަ ބައްޔެއް ވެއްޖެއްޔާ އޭނާގެ ރިކޯޑްސް އިންޓަވިން ކުރެވޭނެ ކުޅުދުއްފުށިން އެ ނެޓްވޯކްގެ ތެރެެއިން،، އެހެންވީމަ އެކަހަލަ ކަންތައްތައް ކުރެވުނީމަ މީހުންނަށް އުދަގޫނުވެ ޚިދުމަތް ދެވޭނެ. ޑޮކުޓަރުންނަށް މައުލޫމާތު ލިބި އެކަންތައްތައް ރަނގަޅަށް ކުރިއަށް ގެންދެވޭނެ." މިިނިސްޓަރު ނަސީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން