ހުޅުމާލެ ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރަސްމީގޮތުން މިއަދު ހުޅުވައިދެއްވައިފިއެވެ.

މިއަދު ހެނދުނު ހުޅުމާލެ ހޮސްޕިޓަލުގައި، ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު ރަސްމީގޮތުން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވެވަޑައިގެންނެވިއެވެ. އަދި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ސެންޓަރު ހުޅުވައިދެއްވުމަށްފަހު ރައިސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު ބައްލަވާލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގެންނެވިއެވެ.

ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރަކީ ނުކުޅެދުންތެރިކަން ތަޙައްމަލުކުރަމުންދާ ކުދިންނާ އެކުދިންގެ ޢާއިލާތަކަށް ބޭނުންވާ ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމުގެ ގޮތުން ޤާއިމުކޮށްފައިވާ ސެންޓަރެކެވެ. މި ސެންޓަރުގައި ޚިދުމަތް ފޯރުކޮށްދެނީ އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށެވެ. އެގޮތުން ޖިސްމާނީ، ވިސްނުމުގައި އުނިކަމާއި އުނގެނުމުގެ ދަތިކަން ހުންނަ ކުދިން، ސިކުނޑިއާ ނާރުތަކުގެ ބަލިތައް ތަޙައްމަލު ކުރަމުންދާ ކުދިންނާއި ވާހަކަދައްކަން ދަތިކަން ހުންނަ ކުދިންނަށް މި ސެންޓަރުގައި ފަރުވާ ފޯރުކޮށްދެއެވެ. މި ސެންޓަރުގެ ޚިދުމަތް ރަސްމީގޮތުން ފެށުމުގެ ކުރިން ބައެއް ޚިދުމަތްތައް ވަގުތީގޮތުން ދަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން މި ސެންޓަރުގައި 67 ކުއްޖަކު މިހާރު ރެޖިސްޓްރީވެ ޚިދުމަތް ހޯދަމުންދެއެވެ.



މި ސެންޓަރުގެ މަޤްޞަދަކީ ސެންޓަރުގެ ޚިދުމަތް ހޯދާ ކުދިން، ދިރިއުޅޭ މާހައުލުގައި އަދި މުޖުތަމަޢުގައި އެންމެ ފުރިހަމައަށް އަމިއްލައަށް އުޅެވޭނެ ގޮތްތަކަށް މަގުފަހިކޮށްދީ މަސައްކަތްކޮށްދިނުމުވެ. އެގޮތުން އެކުދިންނަށް ބޭނުންވާ ތެރެޕީއާ ރިހެބިލިޓޭޓިވް ފަރުވާފަދަ ޚިދުމަތްތައް މި ސެންޓަރުން ފޯރުކޮށްދޭނެއެވެ.

ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު ރަސްމީގޮތުން ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ދެއްކެވި ވާހަކަފުޅުގައި މި ސެންޓަރުން ލިބޭ ޚިދުމަތްތަކަކީ މީގެ ކުރިން، ރާއްޖޭގައި ހޯދަން އުނދަގޫ ޚިދުމަތްތަކެއްކަން ފާހަގަކުރައްވައި މި ސެންޓަރުގެ ޚިދުމަތް ރަސްމީގޮތުން ފެށުމާއެކު މި ދާއިރާއިން ޚިދުމަތް ހޯދާ ފަރާތްތަކަށް ވަރަށްބޮޑު ލުއިފަސޭތަކެއް ލިބިގެންދާނެކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ސެންޓަރުގެ ޚިދުމަތް ފުޅާކޮށް، މުސްތަޤްބަލުގައި ރާއްޖޭގެ އުތުރާއި ދެކުނުގައި މިފަދަ ސެންޓަރުތަކެއް ޤާއިމުކުރެވިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ޞިއްޙީ ދާއިރާއިން މީހުން ތަމްރީނުކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު ރަސްމީގޮތުން ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ އެ ސެންޓަރަށް ބޭނުންވާ ބައެއް ޚާއްޞަ ތަކެތި ހަދިޔާ ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު


-3

ހައްވާ

18-Mar-2022

ކޮބާތޯ 18 އަހަރުފުރިފަ ތިބި ސިކުނޑީގަ އެންމެ އަހަރުހަމަނުވާ ހަށިގަނޑުން ބޮޑެތި ކުދީންގެ ފަރުވާ ? ކުއްލިއަކަށް މިކުދިންގެ ޙާލަތު ބަދަލްވީތޯ? (އެމީހުންގެ ކިބައިން ވަނީ ޤަލަމް އުފުލިފަ. 18ޢަހަރު ފުރުމާއެކު އެ ޤަލަމް ތިރިކުރެވުނީތޯ?) މިއީ اللَّهُ خَالِقُ كُلِّ شَيْءٍ (اللَّه އީ، ހުރިހާ އެއްޗެއް ހައްދަވާ ރަސްކަލާނގެއެވެ(سورة الرعد 16) ގެ ނިންމެވުން.) "މި ސެންޓަރުގައި ޚިދުމަތް ފޯރުކޮށްދެނީ އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށެވެ. އެގޮތުން ޖިސްމާނީ، ވިސްނުމުގައި އުނިކަމާއި އުނގެނުމުގެ ދަތިކަން ހުންނަ ކުދިން، ސިކުނޑިއާ ނާރުތަކުގެ ބަލިތައް ތަޙައްމަލު ކުރަމުންދާ ކުދިންނާއި ވާހަކަދައްކަން ދަތިކަން ހުންނަ ކުދިންނަށް މި ސެންޓަރުގައި ފަރުވާ ފޯރުކޮށްދެއެވެ." ހާދަ ވޭނަކާ ތަޙައްމަލެއް އެބަކުރޭ 18އަހަރުވީ ދަރިފުޅު. މަންމަ ހިތައްއަރާ ކޮންދުވަހަކުންބާވައޭ މިދަރިފުޅަށް އެކަނި އުޅެލެވޭވަރު ވާނީ މަންމަ ނެތްދުވަހަކުން ވެސް. މިހާރު މި އިނގުނީ ޢާންމު މުޖުތަމަޢުގެ އިތުރުން ސަރުކާރުންވެސް ނެތްކަން މިކުދީންނަށް 18 އަހަރު ވުމަށްފަހު ކޮށްދެވޭނެ ކަމެއް.. ކަމުދޭތޯ މިކަން؟؟