ރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑް އިންޑިއާގައި އިތުރަށް އިޝްތިހާރުކޮށް، މާކެޓްކުރުމަށް، އިންޑިއާގައި ބާއްވާ ފަތުރުވެރިކަމާ ގުޅޭ އެންމެ ބޮޑު އެއް ފެއަރ، އޯޓީއެމް މުމްބާއީގައި، ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި ފެއާރގައި އެމްއެމްޕީއާރުސީން ރާއްޖެ ތަމްސީލްކުރާއިރު، ރާއްޖެއިން ފެއަރގައި ބައިވެރިވެފައިވަނީ ކަންޓްރީ ޕާޓްނަރުގެ ގޮތުގައެވެ.

އެމްއެމްޕީއާރުސީން ބުނީ މި ފެއަރ ކުރިއަށް ދާނީ މިމަހުގެ 14 އިން 16ވަނަ ދުވަހުގެ ނިޔަލަށް މުމްބާއީގެ ބޮންބޭ އެގްޒިބިޝަން ސެންޓަރުގައެވެ.

އޯޓީއެމްއަކީ އިންޑިއާގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބައްދަލުކުރުމުގެ ފުރުސަތު އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އެއް ހަރަކާތެވެ. މިއީ އިންޑިއާގައި ބާއްވާ ބައިނަލްއަޤްވާމީ ފެންވަަރުގެ މިފަދަ އެންމެ ބޮޑު ހަރަކާތްވެސްމެއެވެ. މި ހަރަކާތުގެ ޒަރިއްޔާއިން އިންޑިއާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރާ ފަތުރުވެރިކަމުގެ އެކި ޚިދުމަތްތަކުން އެއްތާކުން ބައްދަލުކޮށް، ޕާޓްނަރޝިޕްތައް ޤާއިމްކުރުމުގެ ފުރުސަތު ފަހިކޮށްދޭއެވެ.

މި އަހަރުގެ އޯޓީއެމް ހަރަކާތުގައި 55 ޤައުމަކުން 1100 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެއެވެ. މިއަހަރުގެ އޯޓީއެމްގެ ތިން ދުވަހުގެ ތެރޭގައި މި ހަރަކާތްތަކަށް 30000 ވުރެ ގިނަ ޓްރޭޑް ވިޒިޓާޒް ޒިޔާރަތްކުރާނެކަމަށް ލަފާކުރެއެވެ.



އޯޓީއެމްގެ ތެރެއިން އިންޑިއާގެ އެންމެ ބޮޑު އެއް ޓްރެވަލް އެޖެންސީ، ވަން އަބަވް އެޖެންސީން ވަނީ އެމްއެމްޕީއާރުސީން އިންޑިއާ މާކެޓުގައި ކުރަމުންދާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން "ފްރެންޑް އޮފް އިންޑިއަން އައުޓްބައުންޑް ޓްރެވަލް ފްރެޓާނިޓީ"ގެ ނަމުގައި ޚާއްސަ އެވޯޑެއް ދީފައެެވެ.

މީގެއިތުރުން އޯޓީއެމްގެ ތެރެއިން ރާއްޖޭގެ މިނިސްޓްރީ އޮފް ޓޫރިޒަމުން އިންތިޒާމްކޮށްގެން 15 މާޗުގައި ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ޓޫރިޒަމް އިންވެސްޓްމަންޓު އެންޑު ކަނެކްޓިވިޓީ ފޯރަމުގެ އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

އެމްއެމްޕީއާރުސީން މި ހަރަކާތުގައި ރާއްޖެ ތަމްސީލްކުރަމުން ދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 18 ފަރާތަކާ އެކުއެވެ. މި ހަރަކާތުގައި ބައިވެރިވުމުގެ މައިގަނޑު މަޤްސަދަކީ ރާއްޖެއަކީ އިންޑިއާގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި އަދި އެކަށީގެންވާ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުން ކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.

އިންޑިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުޙިއްމު ޤައުމެކެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ދެ އަހަރުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން