ޖުވެނައިލް ކޯޓުގެ އަަނބުގަހުން ހުއްދަނެތި އަނބު ބިން މީހަކު 6 މަހަށް ވުރެ ގިނަ ދުވަހަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.

އެ މީހާ ޖުވެނައިލް ކޯޓުގެ އަނބު ގަހުން ހުއްދަ ނެތި އަނބު ބިނދެފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި، ކޯޓުގެ ގޯތި ތެރެއަށް ވަދެއެވެ. އަދި އޭނާ 70ވަރަކަށް އަނބު ބިންކަމަށް ދައުވާގައިވެއެވެ.

އެމައްސަލައިގައި އޭނާގެ މައްޗަށް ވައްކަމުގެ ދައުވާއާއި ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ ކުރިއެވެ.

މިމައްސަލައިގައި ދައުވާ ރައްދުވާ މީހާ ކްރިމިނަލް ކޯޓުގައި ކުށަށް އިއުތިރާފްވުމުން ކޯޓުން ހުކުމްކޮށްފައިވަނީ ވައްކަމުގެ ކުށުގައި ހަތަރު މަހާއި 24 ދުވަހަށް އަދި ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގައި އެއް މަހާއި 27 ދުވަހަށް ޖަލަށްލުމަށެވެ. މީގެއިތުރުން ވަގަށް އަނބު ބިން ފަހުން ވައްކަމުގެ އެހެން މައްސަލައެއްގައި އޭނާގެ މައްޗަށް ދައުވާކޮށްފައިވާތީ، އިތުރު ދެ މަހާއި 23 ދުވަހުގެ ޖަލު ހުކުމެއް ވެސް އޭނާގެ މައްޗަށް ވަނީ އިއްވާފައެވެ.

މީގެކުރިން މާލޭގައި ރިހާކުރު ފުޅިއެއް ވަގަށް ނެގި މީހަކަށް ދިގު މުއްދަތުގެ ޖަލު ހުކުމެއް އައި މައްސަލައެއްވެސް ގިނަ ބައެއްގެ ސަމާލުކަމަށް ވަނީ އައިސްފައެވެ.



ކިޔުންތެރިންގެ ހިޔާލު