އިދިކޮޅުގެ ހަރަކާތްތައް އިތުރަށް ވަރުގަދަކުރުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގައި މަޝްވަރާކޮށްފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުގެ ކައުންސިލް ބައްދަލުވުމެއް ރޭ ވަނީ ބާއްވާފައެވެ. މިއީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް ޢަބްދުﷲ ޔާމީން ޖަލުން މިނިވަންވެވަޑައިގެންނެވި ފަހުން ބައިވެރިވެވަޑައިގަތް ކޯލިޝަންގެ ފުރަތަމަ ކައުންސިލު ބައްދަލުވުމެވެ.

ރޭ ބޭއްވި ޕީޕީއެމް އަދި ޕީއެންސީގެ ކައުންސިލުތަކުގެ ޖޮއިންޓް ކައުންސިލު ބައްދަލުވުމުގެ ރިޔާސަތު ރައީސް ޔާމީން ބެލެހެއްޓެވިއިރު، އެ ބައްދަލުވުމުގައި އިދިކޮޅު ޕާޓީގެ އިދާރީ ހިންގުން މިހާރަށްވުރެ ހަރުދަނާކުރުމާއި ގުޅޭގޮތުން މަޝްވަރާކުރިއެވެ. އަދި ޕާޓީގެ އިދާރީ ދާއިރާތަކުގެ ހިންގުން ހަރުދަނާކޮށް ޕާޓީގެ ހަރަކާތްތައް އިތުރަށް ރަނގަޅުކޮށް ހަރުދަނާކުރުމާމެދު މަޝްވަރާކުރެވުނު ކަމަށްވެސް ޕީޕީއެމްގެ އޮފިޝަލަކު ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ މައްޗަށް 2019 ވަނަ އަހަރު އިއްވި ޖަލު ހުކުމް މިދިޔަ އަހަރުގެ ނޮވެންބަރު 30 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބާތިލުކޮށް، ރައީސް ޔާމީން މިނިވަންވެވަޑައިގަތްފަހުން އެމަނިކުފާނު ގެންދަވަނީ ސަރުކާރާއި ދެކޮޅަށް ހިންގާ ސިޔާސީ ހަރަކާތްތައް ވަރުގަދަކުރަމުންނެވެ. އެގޮތުން ރަށްރަށަށް ވަޑައިގެން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ގިނަ ހަރަކާތްތަކެއްވެސް އެމަނިކުފާނު ގެންދަވަނީ ހިންގަވަމުންނެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރިނަމަވެސް، އެ މަނިކުފާނާއި ދެކޮޅަށް އިތުރު މައްސަލަތަކެއް ދަށު ކޯޓުތަކުގައި މިހާރުވެސް ހިނގަމުންދާކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު