ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދީފައިވާ ބޮމުގެ ހަމަލާއާ ގުޅިގެން ކުރިއަށްދާ ތަހުޤީޤުގެ ކަންކަން ގާތުން ބެއްލެވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްސަ މަންދޫބެއްގެ ގޮތުން ޢައްޔަންކުރެއްވި އައްބާސް ފާއިޒް، ބަންޑާރަ ނާއިބު އިބްރާހިމް ރިއްފަތާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ބަންޑާރަ ނާއިބު އިބްރާހިމް ރިއްފަތު ވިދާޅުވީ މިބައްދަލުކުރެއްވުމުގައި ޓެރަރިޒަމް އަމަލުތައް ހުއްޓުވުމާއިބެހޭ ޤާނޫނަށް ގެންނަ ބަދަލުތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި އިންޓެލިޖެންސް އޮޑިޓުން ފާހަގަވި ކަންކަން ތަންފީޒުކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިކަމަށް ބަންޑާރަ ނާއިބު ވިދާޅުވިއެވެ.



ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުން އައްބާސް ފާއިޒް ޢައްޔަނުކުރައްވާފައި ވަނީ މޭ މަހުގެ 19 ވަނަ ދުވަހުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބުގެ ހައިސިއްޔަތުން ،މެއި 6ގެ ޙަމަލާއާ ގުޅޭ އެންމެހައި ތަޙުޤީޤެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް ކަނޑައަޅުއްވާ ޙުދޫދުގެ ތެރެއިން، އައްބާސް ފާއިޒް ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި އިންސާފު ޤާއިމުކުރެވެންދެން ބޭނުންވާ ޙާލަތްތަކުގައި ކަމާގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި، ތައްޔާރުކުރައްވަން ޖެހިވަޑައިގަންނަވާ އެންމެހައި ރިޕޯޓްތައްވެސް ތައްޔާރުކުރައްވާނެކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު