ކަނޑުމަތީގައި ފުލުހުން ރޭ ހިންގި އޮޕަރޭޝަނެއްގައި 12 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލައާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ، ޑްރަގްސް އަތުލައިގެންފައިވަނީ ޑްރަގް އެންފޯސްމެންޓާއި އިންޓެލިޖެންސް ގުޅިގެން ކަނޑުމަތީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕަރޭޝަންގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކުރީ އުމުރުން 37 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށް ފުލުހުން ރޭ ވަނީ ބުނެފައެެވެ.

އެހެން ނަަމަވެސް ފުލުހުން މިއަދު މީޑިޔާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އެ މައްސަލައާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ދިވެހި ފިރިހެނަކާއި ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދިވެހި މީހާގެ ބަންދަށް 10 ދުވަސް އަދި ބޭރު ދެ މީހުންގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި އިންޑިއާ މީހާއަކީ މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ޑްރަގް މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެއް ކަމަށެވެ. އެހެން ނަމަވެސް އެމީހާ ދޫވެފައި ހުރީ ކިހިނެއް ވެގެންކަން ސާފެއް ނުވެއެވެ. ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގް ކުރަމުންނެެވެ.



ކިޔުންތެރިންގެ ހިޔާލު