ކަނޑުމަތީގައި ފުލުހުން ރޭ ހިންގި އޮޕަރޭޝަނެއްގައި 12 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތީ ކުރީގެ މަޝްހޫރު ފިލްމީ ތަރި ހުސެއިން ސޮބާހުގެ ލޯންޗަކުން ކަމަށް އޭނާ ބުނެފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ، ޑްރަގްސް އަތުލައިގެންފައިވަނީ ޑްރަގް އެންފޯސްމެންޓާއި އިންޓެލިޖެންސް ގުޅިގެން ކަނޑުމަތީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ކަމަށެވެ. އެ އޮޕަރޭޝަނުގައި ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެެވެ.

އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ބަންގުލަދޭޝް ރައްޔިތަކާއި އިންޑިޔާ މީހެކެެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދިވެހި މީހާގެ ބަންދަށް 10 ދުވަސް އަދި ބޭރު ދެ މީހުންގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ދީފައެވެ.

އެމައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށައް ގެންދިޔަ މީހުންގެ ތެރޭގައި ކުރީގެ ފިލްމީތަރި އަދި މިއުޒީޝަން ހުސެއިން ސޮބާހުވެސް ހިމެނެއެވެ.

އެހެން ނަމަވެސް ހައްޔަރަށް ނުވާގޮތަށް ހަތަރު ގަޑިއިރު ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށްފަހު އޭނާ މިހާރު ވަނީ ދޫކޮށްލާފައެވެ. ޝޯޝަލް މީޑިޔާގައި ކުރީގެ ފިލްމީ ތަރި ހުސެއިން ސޮބާހު އާންމުކުރި ވީޑިއޯ މެސެޖެއްގައި ބުނެފައިވަނީ އޭނާގެ ލޯންޗު 46800 ރުފިޔާއަށް ކުއްޔަށް ދޫކުރި ކަމަށާއި، އެ ދަތުރަށް ދޫކުރި ފަހުން ލޯންޗުގެ އިންޖީނު ހަލާކުވެގެން ގުޅި ކަމަށެވެ. އޭގެ ފަހުން ހުޅުމާލެ ފަޅަށް ލޯންޗު ވަތްކަމުގެ މައުލޫމާތު ލިބިގެން ގޮސް ހުއްޓާ އެ ލޯންޗުން މަސްތުވާތަކެތި ފެނުނު ކަމަށް ސޮބާހު ބުނެފައިވެއެވެ.

ލޯންޗުން ފެނުނު މަސްތުވާތަކެއްޗާއި އޭނާއާއި ގުޅުމެއް ނެތް ކަމަށާއި، އެމައްސަލައިގައި ހަތަރު ގަޑިއިރަށް ސުވާލު ކުރުމަށް ފުލުހުންގެ ބެލުމުގެ ދަށައް ގެންދިޔުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ސޮބާ ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު