އަންނަ ރޯދަމަހާއި ދިމާކޮށް ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެތީގެ އަގު ބޮޑުވިޔަ ނުދިނުމަށް މަސައްކަތް ކޮށްދިނުމަށް ނާއިބް ރައީސް ފައިސަލް ނަސީމް މިރޭ އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ ސުޕާމާޓަށް ބޮޑެތި ބަދަލުތަކެއް ގެނަސް އަލުން ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެެއްވައި ވާހަަކަފުޅު ދައްކަވަމުންނެވެެ.

މި ރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުން ނާއިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ އަންނަ ރޯދަމަހާއި ދިމާކޮށް ރައްޔިތުން ބޭނުންވާ އަސާސީ ތަކެތީގެ އަގު ބޮޑުނުވާ ގޮތަށް އެސްޓީއޯއިން އިންތިޒާމްތައް ހަމަޖައްސަންޖެހޭ ކަމަށެވެ. އެސްޓީއޯއިން މަސައްކަތް ކުރަނީ ވިޔަފާރިއެއްގެ ގޮތުގައި ބަލައިގެން ނޫން ކަމަށާއި އެއީ ރައްޔިތުންނަށް ދެވޭ ޚިދުމަތެެއް ކަަމަށް ނާއިބް ރައީސް ވިދާޅުވިއެވެ.



" އަޅުގަނޑުމެން މި ތިބީ ޚިދުމަތް ދޭ ބަޔެއްގެ ގޮތުގައި ރައްޔިތުންނަށް ފަސޭހަވާނެ ގޮތަކަށް ލުއިވާނެ ގޮތަކަށް އަޅުގަނޑުމެން އަބަދުވެސް ވިސްނަންޖެހޭ." ނާއިބް ރައީސް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ނާއިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ އެސްޓީއޯގެ ސުޕަމާޓް ޚިދުމަތް ފުޅާކޮށް ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެސްޓީއޯއިން އަމިއްލަ ވިޔަފާރިތަކާއި އެކު ޕާޓްނާޝިޕް ހެދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޕްރައިވެޓް ސެކްޓާ ވަރުގަދަ ކުރުމަށް ހުރިހާ ގޮތަކުން މަސައްކަތް ކުރަންޖެހޭ. ގައުމުގެ އިގްތިސާދު ކުރިއަރައި މިދަނީ ޕްރައިވެޓް ސެކްޓާ އާއެކު ކުރެވޭ މަސައްކަތުގެ ތެރެއިން." ނާއިބް ރައީސް ވިދާޅުވިއެވެ.

އެސްޓީއޯގެ ސުޕަމާޓް ހުޅުއްވައިދެއްވުމަށްފަހު ނާއިބް ރައީސް ފައިސަލް ނަސީމް ސުޕަމާޓްގެ ސްޓޯލްތަކަށް ޒިޔާރަތް ކުރައްވައި އެތަން ވަނީ ބައްލަވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު