30 ވަނަ އެޕިސޯޑް

==========

[މިމަސައްކަތް ފުރިހަމަ ކުރެވިއްޖެނަމަ، އޭނާއަށް ޢައިޝާގެ މަތިން ހަނދާން ނައްތައެއްނުލެވޭނެ. ކިތަންމެވަރަކަށް ދުރުވާން އުޅުނަސް ދުރަކަށް ނުދެވޭނެ. އެއަށްވުރެން ވަރުގަދަ ހިލިހިލާޔަކުން ޢައިޝާގެ ޙަޔާތުގައި އޭނާ ބަނދެވޭނެ.] ފިކުރީ ހަމަ އެއިންގޮތަށް ބަލަން އިނދެފައި ބުންޏެވެ.

[އަހަރެން ވަރަށް އުފާވެއްޖެ، ކާމިޔާބުވާނޭ ކަމުގެ ސިގްނަލް ފިކުރީ ދިނީމަ. މަސައްކަތް ފަށާނީ ކޮންދުވަހަކު.] ޢައިޝާގެ ހިތް އަވަސްވިއެވެ.

[މިރޭ އިރުއޮއްސޭއިރަށް މިގެއަށް އާދޭ...އެކަމަކު އަންނަންވާނީ އެކަނި...އެހެން ނޫނީ ސަކަރާތްވާނެ.] ފިކުރީ ބުންޏެވެ.

ޢައިޝާ އެދުވަހު ގެއަށް ދިޔައީ ނިކަން އުފާވެފައި ހުރެއެވެ.

ގެއަށްދިޔަ މަގުމަތީގައި ސީނާއަށްވެސް އޭނާ ފިކުރީ ދެއްކި އެއްވެސް ވާހަކައެއް ކިޔައެއް ނުދެއެވެ. އޭނާ ސީނާ ގާތު ބުނީ ދޮގު ހަދައިގެން އަމިއްލަ ވާހަކައެކެވެ.

[ކީކޯ އޭނާ ބުނީ، ރަނގަޅުވާނެޔޯތަ؟ ނުވަތަ ކާމިޔާބު ކުރެވޭނެޔޯތަ؟] ސީނާ އެއްސެވެ.

[އާނ...މުޖައްރިބު ތަވީދެއް ލިޔެދޭނަމޭ ބުނީ. ލިޔެ ނިންމާފައި ގުޅާނަމޭ ބުނި. އޭނާ ވަރަށް ޔަޤީންކަންދިން. އޭނާ ބުނީ އޭނާގެ މަސައްކަތް ނިމެންދެން ނާއިލާ މާބޮޑަށް އަޅާނުލާށޭ.] ޢައިޝާ ކާރަށް އަރަމުން ބުންޏެވެ.

[އެހެންތަ، އޭނާއަކީ ވަރަށްމޮޅު މީހެކޭ، ބައެއް މީހުން ބުނޭ. ހިނގާދޯ އޭނާގެ މަސައްކަތުގެ ނަތީޖާއަށް އިންތިޒާރު ކުރަމާ.] ސީނާ ބުންޏެވެ.

ޢައިޝާ ގެއަށް އައިސް ކޮޓަރިއަށް ވަންއިރު، ނާއިލް ކޮމްޕިއުޓަރާ ކުޅެން އިނެވެ.

ފިކުރީ ޢައިޝާގެ ފޯނަށް ގުޅީ ޢައިޝާ ކޮޓަރިއަށް ވަންތަނާހެންނެވެ.

[މިގުޅީ ތަރާވީސް ނިމޭހާތާ އަންނާށޭ ބުނަން. އެހެން ނޫނީ ކަމަކުނުދާނެ. އެގަޑީގައި އާދެވޭނެތަ؟] ފިކުރީ ބުންޏެވެ.

[މައްސަލައެއް ނެތް.] ނާއިލް ހުރުމުން، މާގިނަ ވާހަކަތަކެއް ނުދައްކާ، ޢައިޝާ ފޯން ކަނޑާލައިފިއެވެ.

ފިކުރީ ލަފާދިން ގޮތަށް ނާއިލަށް ގޮވާނުލާ އޭނާ ގޮސް އެނދުގައި އިށީނެވެ. ނާއިލާ ދިމާއަށް އޭނާ ބަލައިވެސްނުލައެވެ.

ނާއިލް އިނީ ނެޓުން ކޮންމެވެސް މަޢްލޫމާތުތަކެއް އެއްކުރާށެވެ. އޭނާވެސް ޢައިޝާ އެތާނގައި ހުރިތޯވެސް ބަލާނުލައެވެ.

ފިކުރީ ބުނީތީ އަނގައިން ނުބުނެ ހުރި ކަމުގައިވިޔަސް، ޢައިޝާއަށް ނާއިލްގެ އެ ދުރުހެލިކަމަށް ކެތް ކުރެވެނީކީ ނޫނެވެ.

[ނާއިލް....މިއަދު ރޯދަވީއްލަން ހަދާނޭ ނާއިލަށް މީރު އެއްޗެއް ބުނެބަލަ.] ޢައިޝާއަކަށް ނާއިލާ ވާހަކަ ނުދައްކައެއް ނުހުރެވުނެވެ.

[އަހަންނަށް މީރު އެއްޗެއް ހަދާނެ ކަމެއް ނެތް. އެއްވެސް އެއްޗެއް އަހަރެން ކާހިތެއްނެތް. ޢައިޝާ ކައިރީ ވަރަށް ސާފުކޮށް މިހާރު ބުނެފައިވާނެ، ޢައިޝާވެސް އަހަރެންގެ ދިރިއުޅުމާ ވަކިވާން މަސައްކަތް ކުރާށޭ.]

ނާއިލް އިތުރަކަށް އެއްވެސް ވާހަކައެއް ނުދައްކައެވެ. ޕީސީގެ ލޮގް އޮފް ކޮށްލުމަށްފަހު، އޭނާ ކޮޓަރިން ނުކުމެއްޖެއެވެ.

ފަހަކަށް އައިސް ޢައިޝާ މާބޮޑަށް ވާހަކަ ދައްކަން މަސައްކަތް ކޮށްފިއްޔާ، އޭނާ ކަންކުރާ ގޮތަކީ އެއީއެވެ. އޭނާ ޢައިޝާއާ ދުރަށް ދަނީއެވެ. އޭނާ ނުކުމެގެން ދިޔައީ ބައްޕަގެ އޮފީހަށެވެ. ޢާންމުކޮށް ހޮސްޕިޓަލްގެ ޑިއުޓީ ނިންމާލުމަށްފަހުވެސް ފަހަކަށްއައިސް އޭނާ ދަނީ ބައްޕަގެ ވިޔަފާރި ކުންފުނީގެ އޮފީހަށެވެ. އެއީވެސް ގޭގައި ވަގުތު ހޭދަކުރަން ބޭނުން ނުވާތީއެވެ.

އެދުވަހު ޢައިޝާ އިންތިޒާރު ކުރަމުން ދިޔައީ ފިކުރީ ބުނި ވަގުތަށެވެ.

އޭނާ ބޭނުންވަނީ ވީހާވެސް އަވަހަކަށް ފިކުރީގެ މަސައްކަތް ނިމި، ކާމިޔާބާ ހަމައަށް ވާސިލްވުމަށެވެ.

އެރެއެވެ. ތަވާރީސްގަޑި ނިމުނުތާ މާގިނައިރުތަކެއްނުވެ، އައިޝާ ޓެކްސީއެއްގައި ފިކުރީ އުޅޭ ގެއަށްދިޔައެވެ. ފިކުރީވެސް ޢައިޝާއަށް ވަގުތު ހުސްކޮށްގެން ހުއްޓެވެ.

[އަވަހަށް ކޮޓަރިއަށް ވަދެ އިށީނދޭ...] ކޮޓަރި ދޮރު ހުޅުވާލަދެމުން ފިކުރީ ބުންޏެވެ. ޢައިޝާ ކޮޓަރިއަށް ވަނުމާއެކު، ފިކުރީ ގޮސް ސިޓިންގރޫމްގެ މައިދޮރު އެތެރެއިން ތަޅުލައިފިއެވެ.

އެއަށްފަހު އޭނާ ފަންޑިތަ ހަދަން ބޭނުންކުރާ ސާމާނާއެކު އައިސް ކޮޓަރިއަށް ވަދެއްޖެއެވެ. އެއަށްފަހު، ކޮޓަރީގެ ދޮރުވެސް އެތެރެއިން ތަޅުލައިފިއެވެ.

އޭނާގެ މަސައްކަތް ފެށީ އެއަށްފަހުގައެވެ. ލޮގްފޮތް ހުޅުވާލުމަށްފަހު، ކުރިމަތީގައި ހުރި އަލިފާން މުށި ރޯކޮށްލައިފިއެވެ.

ހިސާބަކަށް ހިނިތުންވެފައި ޢައިޝާ އިނީއެވެ. ޢައިޝާ އިށީނދެގެން އިނީ އެނދުގެ ކުރިމަތީގައި ހުރި ސޯފާ ގޮނޑިއެއްގައެވެ.

[ފުރަތަމަ ދެތަވީދެއް ތައްޔާރުކޮށް އަންދާލާނަން. އެއަށްފަހު، މައިގަނޑު މަސައްކަތަށް ދާނީ.] ތަވީދު ލިޔަން ފަށަމުން ފިކުރީ ވާހަކަ ދެއްކިއެވެ. ޢައިޝާ ބޯޖަހާލިއެވެ.

[ކާމިޔާބުވާނެތަ؟ އަޅެ...އަހަރެން ބޭނުން ވަރަށް އަވަހަށް ނާއިލް މައިތިރި ކުރަން....] ޢައިޝާ ބުންޏެވެ.

[އެއްވެސް ކަމެއް ނޫން. އިރާދަކުރެއްވިއްޔާ، ބަރާބަރަށް ކާމިޔާބު ކުރެވޭނެ.] ފިކުރީ ބުންޏެވެ.

ދެތަވީދު ލިޔެ ނިންމުމަށްފަހު، ފިކުރީ ތެދުވެގެން ގޮސް ޢައިޝާގެ ގާތަށް ޖެހިލުމަށްފަހު އަތްތިލަ ދިއްކުރުމަށް އެދުނެވެ. ޢައިޝާ އަތްދިއްކުރިއެވެ. ފިކުރީ އެއްއަތުން އަތްތިލައިގައި ހިފުމަށްފަހު، އިލޮށިކޮޅަކުން ލިޔަން ފަށައިފިއެވެ. ދެއަތްތިލައިގައި ލިޔެ ނިންމުމަށްފަހު، ތުވާއްޔެއް ދިނުމަށްފަހު ފެންވަރައިގެން އައުމަށް ފިކުރީ އެދުނެވެ.

[ފެންވަރައިގެން ތުވާލިން ހަށިގަނޑު ނިވާކޮށްގެން ނުކުމޭ. މަސައްކަތުގެ ބޮޑުބަޔަކީ އެއީ....ވަރަށް ކެތްތެރިވާންވާނެ. އަވަހަށް ފެންވަރައިގެން ނުކުމޭ. ނުކުންނަންވާއިރަށް އަހަރެން ތަށްޓެއް ލިޔެ ތައްޔާރު ކުރާނަން. ފެން ހިއްކުމުގެ ކުރިން، މި ފެންބާލިދީ ބޮލަށް އަޅާލަންވާނެ.] ފިކުރީ ބުންޏެވެ. ޢައިޝާ ތުވާލި ހޯދައިގެން ގޮސް ފާޚާނާއަށް ވަދެއްޖެއެވެ. ހިސާބަކަށް ލަދުގެންފައި ހުރެއެވެ.

ޢައިޝާ ފެންވަރައިގެން ނުކުންނަންވާއިރަށް ފިކުރީ ތަވީދު ލިޔެ، ތަށިލިޔެ، ފެންބާލިދީ ތެރެއަށް ލައިފިއެވެ.

ޢައިޝާ މުޅި ހަށިގަނޑުގައި ތުވާލި އޮޅާލައިގެން ނުކުތީ، އޭނާ އެމަސައްކަތް ނިންމާލިތަނާހެނެވެ.

[ލަދުނުގަންނާތި...މި ފެން ޢައިޝާގެ ބޮލަށް އަޅައިދޭން ޖެހެނީ ސީދާ އަހަރެން...އަލުން ވަދޭ ފާޚާނާއަށް...އަހަރެން މިއަންނަނީ.] ހިސާބަކަށް ލަދުގަތްނަމަވެސް، ނާއިލްގެ ލޯބި ޙާޞިލް ކުރުމުގެ ވިސްނުން ކުރިއަށް ނެރެމުން ޢައިޝާ ގޮސް ފާޚާނާއަށް ވަދެއްޖެއެވެ. އެހިނދު ފިކުރީ ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވިއެވެ.

އެއަށްފަހު އޭނާ ފެން ބާލިދީ ހިފައިގެން ގޮސް ޢައިޝާ ހުރި ފާޚާނާއަށް ވަދެއްޖެއެވެ. ކިތަންމެ ލަދުގެންފައި ހުރި ކަމުގައިވިޔަސް، އެރޭ އޭނާ ފިކުރީއަށް އޭނާގެ މަސައްކަތް ފުރިހަމަވެވޭނޭ މަގު ފަހިކޮށްދިނެވެ.

އެރޭ ފަހުން އޭނާ ދެރަވެސްވިއެވެ. ނަމަވެސް، އެއީ ކުރިއަށް ލިބެން އުޅޭ ދާއިމީ އުފަލުގެ ފެށުން ކަމަށް ދެކިގެން، އޭނާ ހިތްހަމަޖައްސާލިއެވެ.

މީގެކުރިން ދުވަހަކުވެސް ހިލޭ ފިރިހެނަކު އޭނާގެ ހަށިގަނޑުގައި ބީހިލާފައެއް ނުވެއެވެ. ނަމަވެސް، އެރޭގެ ފަހުން އެޝަރަފްވެރިކަންވެސް އޭނާގެ ކިބައިން ގެއްލިގެން ގޮއްސިއެވެ.

ކުރިން ނާއިލާއެކު އެފަދަ ގާތް ގުޅުމެއް އުފެދުނު ކަމުގައިވިޔަސް، އެއީ އޭނާއާ ދުރު މީހެއްގެ ގޮތަކު އޭނާ ނުދެކެއެވެ.[

[ކިހިނެއްމިވީ...ކޮން ކަންތައްގަނޑެއް ހިނގާ ދިޔައީ....ފިކުރީ މީތަ މި ފަންޑިތަ ހަދާ ގޮތަކީ....] ހުރިހާ އިޙްސާސެއްގެ ފަހުން، އިސްޖަހާލައިގެން ހުރެމެ ޢައިޝާ ވާހަކަ ދެއްކިއެވެ.

[އެއީ އެއްވެސް ކަމެއް ނޫން. ހަފްތާއެއް ވަންދެން މިމަސައްކަތް ކުރިއަށްދާނެ. އޭގެފަހުން ޢައިޝާގެ ފިރިމީހާއަށް މަޖުބޫރުވާނެ، ޢައިޝާއާ ގުޅެން. ފިރިމީހާގެ ޢާއިލާއިންވެސް އެކަމަށް މަޖުބޫރު ކުރުވާނެ. ކައިވެންޏަށްފަހު، ފިރިމީހާ އެއްވެސްވަރަކަށް ޢައިޝާއާ ގުޅުން ހިންގިތަ؟] ފިކުރީ ބުންޏެވެ.

[ދާދިފަހުން އެންމެފަހަރަކު...އެއީވެސް އަހަރެން ވަރަށް ބޮޑަށް ރާވައިގެން މަސައްކަތްތަކެއް ކުރީމާ...] ޢައިޝާ ބުންޏެވެ.

[ދެން ކަންބޮޑުނުވޭ، މާލަސްތަކެއްނުވެ ހުރިހާ ކަމެއްވެސް ފުރިހަމަވާނެ. ދެރަނުވޭ...ކުރިއަށް ލިބެން އުޅޭ އުފަލާމެދު ވިސްނާ....] ފިކުރީ، އޭނާގެ ފޮތްތައް ދަބަހަށް އަޅަމުން ވާހަކަ ދެއްކިއެވެ.

[ކަންބޮޑެއް ނުވަމޭ...މިގޭގައި އުޅެނީ ފިކުރީ އެކަނިތަ؟ ކޮބައިތަ އަންހެނުންނާއި ކުދިން.] ޢައިޝާ އެހިއެވެ. މިހާރު އޭނާގެ މޫނުމައްޗަކު ކުޑަވެސް ލަދުވެތިކަމެއް ނެތެވެ.

[އަހަރެންގެ ހުންނާނީ އެންމެ ކުއްޖެއް...އެއީ އެންމެ ފުރަތަމަ އަހަރެން ކުރި ކައިވެންޏަށް ލިބިފައިވާ ފިރިހެން ކުއްޖެއް. މިހާރުގެ އަނބިމީހާއަކަށް ކުދިން ނުލިބޭ. އަހަންނަށް ދިމާވެގެން އުޅޭ މައްސަލައަކީ އެއީ. އޭނާވީ އޭނާގެ ރަށަށް ގޮސް. ދެން ދަރިފުޅު، އޭނާގެ މަންމަގެ ކައިރީގައި އުޅެނީ.] ފިކުރީ އޭނާގެ ޙަޔާތާ ބެހޭގޮތުން ކިޔާދިނެވެ.

[އެހެންތަ؟ އެންމެ ކުއްޖެއްތަ ހުންނަނީ....ތިވަރަކުން ނުވާނެ. އަދި ދެތިން ކުދިން ހޯދަން އުޅޭ....] ޢައިޝާ ހިނިތުންވެލިއެވެ.

[ޢައިޝާ ގެއަށްލައިދޭންވީތަ؟] ގަޑިއަށް ބަލައިލަމުން ފިކުރީ ބުންޏެވެ.

[އަހަރެން ޓެކްސީއެއްގަ ދާނީ...] މިހެން ބުނެފައި، އޭނާ ޓެކްސީއަކަށް ގުޅައިފިއެވެ.

އޭގެފަހުން ފާއިތުވެގެންދިޔަ ދިހަވަރަކަށް ދުވަސްތެރޭ ފިކުރީއާއި ޢައިޝާއާ ދެމެދު ގާތް ގުޅުމެއް އުފެދުނެވެ.

އެއީ ފިކުރީ ބޭނުންވިގޮތެވެ. ނާއިލްގެ ފަރާތުން އެއްވެސް އަޅާލުމެއް އޯގާތެރިކަމެއް ނުލިބޭ ކަމަށް ޢައިޝާ ބުނި ހިސާބުން އޭނާ ނިންމީ، އެއޯގާތެރިކަމާއި ލޯބިދީގެން ޢައިޝާގެ ހިތް އަނބުރާލާށެވެ.

އޭނާއާއި އޭނާގެ މިހާރުގެ އަނބިމީހާ ސުހާނާގެ ގުޅުން ގޯސްވެފައި ވުމާއެކު، އޭނާ ވިސްނީ ޢައިޝާ ކަހަލަ ރީތި ކުއްޖަކު އޭނާގެ ޙަޔާތަށް ގެނެވޭނެ ގޮތަކާމެދުގައެވެ. މިހާރު ޢައިޝާ ހިސާބަކަށް އޭނާއާމެދު ވިސްނާކަންވެސް އޭނާއަށް އެނގެއެވެ.

ޢައިޝާ ދޭތެރެ ދޭތެރެއިން އޭނާއަށް ގުޅައިގެން ވާހަކަ ދައްކާ އުޅޭވެސްމެއެވެ. މިއާދައިގައި ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް ޢައިޝާ ނާއިލާމެދު ވިސްނާ ވިސްނުން ބަދަލުވާން ފަށައިފިއެވެ.

އޭނާއަށް ގިނަވަގުތު ވިސްނެނީ ފިކުރީއާ މެދުގައެވެ. އޭނާއަކީ ފަންޑިތަ ހަދާ އުޅޭ މީހެއް ކަމުގައިވިޔަސް، އެއީ ދެބައި ޢުމުރުގެ ޒުވާނެކެވެ.

އޭނާ ފަންޑިތަވެރި ކަމުގެ ތެރެއަށް ވަދެފައިވަނީވެސް ދާދިފަހުން އޭނާގެ ކާފަ ބޭނުންކުރި ފޮތްތަކުން އުނގެނުމަށްފަހުގައެވެ.

އޭނާގެ ކާފައަކީ ހުވަދުއަތޮޅުގެ ވަރަށް މަޝްހޫރު ފަންޑިތަވެރިއެކެވެ. އޭނާއަށް އެމަސައްކަތުގެ ތެރެއަށް ވަދެވުނީ އެހެންވެގެންނެވެ. މިހާރު ޢައިޝާ ކޮންމެހެން ނާއިލް ވާހަކަ ނުދައްކާތީ، އެކަމާ ކަންބޮޑުވެގެނެއްވެސް ނޫޅެއެވެ. ޢަމުދުން އޭނާވެސް ނާއިލާ ވާހަކަ ދައްކާކަށް މަސައްކަތެއް ނުކުރެއެވެ. އޭނާގެ އެ ދުރުހެލިކަން ފެނުމުން، ފަހަކަށް އައިސް ނާއިލްގެ މަންމަ ނާޒިމާވެސް ހުންނަނީ ވަރަށް ބޮޑަށް ޙައިރާންވެފައެވެ.

[މިހާރަކަށް އައިސް އަހަންނަކަށް ނޭނގެ މިވާގޮތެއް. ނޫނީ ވާން މިއުޅެނީ ކީއްކަމެއް ނޭނގެ....ހަމަގައިމުވެސް މިހާރު އައިޝާ، ނާއިލާމެދު އެއްވެސްވަރަކަށް ނުވިސްނާކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ. އެކަމާ އަހަރެން ވަރަށް ދެރަވޭ. އެސޮރު މިހާރު ވަރަށް އެކަނިވެރިވާނެ.] ނާޒިމާ ވާހަކަ ދެއްކީ އިލްޔާސާއެވެ.

[އަހަންނަށްވެސް ފާހަގަކުރެވޭ، އެކަމާ އަހަރެން ވަކިކުރާނީ ކީއްތަ؟ ކޮންމެ ގޮތެއްވިޔަސް، ކައިވެންޏަށް އަހަރު ފުރެން އުޅޭއިރު، ނާއިލްގެ އަޅާލުން ނުލިބޭ ކަމަށްވަންޏާ...ޢައިޝާވެސް ބަދަލުވާނެތާ. އެއީ ދުނިޔޭގެ އާދަ....އެއީ ދުނިޔެވީ ޠަބީޢަތް.] އިލްޔާސް، ޢައިޝާ ކުށްވެރިއެއް ނުކުރެއެވެ.

ނާއިލްގެ ވިސްނުމާއި ފިކުރުތަކާ ދުރަށް ދެވުނު ކަމުގައިވިޔަސް، އަދި ޒޭނާއަށް ނާއިލް ލިބޭކަށް ޢައިޝާ ބޭނުމެއް ނޫނެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި، އޭނާއާއި ނާއިލްގެ ލޯތްބަށް ހުރަސްއަޅަން އައިސްގެން އުޅޭ މީހަކީ ސީދާ ޒޭނާއެވެ.

ވުމާއެކު، އޭނާ ހޭދަކުރަން ޖެހުނު ހިތްދަތިކަން ޒޭނާއަށް އެތައް ގުނަޔަކަށް ދިނުމަކީ އޭނާ ބޭނުންވާގޮތެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލު


13

ޢާއިތުން

30-May-2020

ޮޮުޮޮޮޮުޮޮޮޮުޮޮޮޮުޮޮޮޮުޮޮޮޮޮޮުޮޮޮޮުޮޮވަރަން ރީތި ވާހަކައެއް


22

ހަސަން

29-May-2020

ސަޅި ވަރަށް ޝައުގު ވެރި


9

ޔާސިރާ

29-May-2020

ވަރަށް އަސަރުކޮށްފި އަހަންނަށް ވެސް ރޮވިއްޖެ ރީތި ފުރިހަމަ ވާހްކަ އެއް


1

ސާމިޔާ

29-May-2020

އައިޝާ ލޯބި ކާމިޔާބުކުރަން އެވިއްކާލީ އަބުރު ނުބައި ނުލަފާ އަންހެނެއް


8

ހާޝިމް

29-May-2020

ފިރިހެނަކަށް ވިޔަސް މިއަދު މަ ރޮއްވާލައިފި ވަރަށް އަސަރުގަދަ މީ ވަރަށް ރީތި ވާހަކަ އެއް



ޓްރެންޑިން