މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން ކުރިއަށްގެންދިޔަ އިމަންޖެންސީ އެކްސަސައިޒް "މާކަނާ 22" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

4 ގަޑިއިރަށް ކުރިއަށްދިޔަ މި އެކްސަސައިޒްގައި 400 އަށްވުރެ ގިނަ ބައިވެރިން އެކި މުއައްސަސާތަކުން ބައިވެރިވިއެވެ. މިއީ އެއަރޕޯޓްގެ ކުއްލި ޙާލަތާ ގުޅޭގޮތުން މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އެކްސަސައިޒެވެ.

އެމްއޭސީއެލާއި ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ ގުޅިގެން ކުރިއަށްގެންދިޔަ މި އެކްސަސައިޒްގައި ކަމާއި ގުޅުންހުރި 30 އިދާރާއިން ބައިވެރިވެފައިވެއެވެ.

މި އެކްސަސައިޒް ކުރިއަށްދިޔައިރު އެ ހަރަކާތް ބައްލަވާލެއްވުމަށް ނާއިބު ރައީސް ފައިސަލް ނަސީމް ވަޑައިގެންނެވިއެވެ.



އެމްއޭސީއެލުން ބުނީ މިފަހަރުގެ ޑްރިލް ޚާއްސަކޮށްފައިވަނީ، އަލަށް ތަރައްޤީކުރި ރަންވޭ މަތީގައި ފްލައިޓެއް ކްރޭޝްވުން ނުވަތަ ފްލައިޓަކަށް ދިމާވާ ކުއްލި ޙާލަތެއްގައި ކަމާގުޅުންހުރި ދާއިރާތައް ގުޅިގެން މަސައްކަތް ކުރާނެ ގޮތާއި ގުޅޭގޮތުންކަމަށެވެ. އެގޮތުން އެއަރޕޯޓް ކުއްލި ޙާލަތަށް ގެނައުމާއި، ކުއްލި ޙާލަތާއި ގުޅިގެން އެއަރޕޯޓްގެ އޮޕަރޭޝަނަށް ގެންނަ ބަދަލުތައް އެކްސަސައިޒް ކޮށްފައިވާކަމަށް އެމްއޭސީއެލުން ބުންޏެވެ.

މި އެކްސަސައިޒާއި ގުޅިގެން ހަވީރު 4:00 އިން 6:00 އަށް ވަނީ އެއަޕޯޓުގެ ރަންވޭގެ އޮޕަރޭޝަން އެއްކޮށް މަޑުޖައްސާލާފައެވެ. ނަމަވެސް ބައިނަލްއަޤްވާމީ އުދުހުންތަކުގެ ޗެކިން އަދި ސީޕްލޭން އޮޕަރޭޝަން ހުއްޓުމެއްނެތި ކުރިއަށް ގެންގޮސްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު