ނޫރާއްޖޭގެ އޯޝަން ޔޫސް ސާރވޭގެ މަސައްކަތުގެ ދެބައިކުޅަ އެއްބަޔާއި ހިސާބަށް އާދެވުނުއިރު މިމަސައްކަތަކަށް 1900 ރެސްޕޮންސް ލިބިފައިވާކަމަށް އެސާވޭ ކުރިއަށްގެންދާ ފަރާތުން ހާމަކޮށްފިއެވެ.

ނޫރާއްޖެއިން ކުރިއަށް ގެންދާ އޯޝަން ޔޫސް ސާރވޭއަކީ މުޖުތަމަޢުގެ ބައިވެރިވުމާއެކު ދިވެހިރާއްޖޭގެ މެރިން ސްޕޭޝަލް ޕްލޭން އެކުލަވާލައި، ސަރުކާރުގެ ނޫ އިޤްތިސާދުގެ ތެރެއިން ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތަށް އެހީތެރިވެދޭނެ ކަމެކެވެ.

އަދި ރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުގެ 20 އިންސައްތައަކީ ހިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށްޓަކައި، ހިމާޔަތް ކުރެވިދާނެ ކަނޑުފަޅުގެ ސަރަހައްދުތައް ދެނެގަތުމަށްވެސް ސާވޭގެ ނަތީޖާ ބޭނުންކުރެވޭނެއެވެ.

ނޫ ރާއްޖެ ޙަރަކާތުން ބުނެފައިވަނީ ރާއްޖޭގައި މިހާތަނަށް ހިންގޭ އެންމެ ބޮޑު އޯޝަން ޔޫސް ސާރވޭއަށް މިހާތަނަށް 16 އަތޮޅަކުން 7500 މީހުން ރަމްޒުކޮށްދޭ 1،900 ރެސްޕޯންސް ލިބިފައިވާ ކަމަށެވެ. މި ސާރވޭއިން މަސްވެރިންނާއި، އަމިއްލަ ފަރުދުންނާއި، ފަތުރުވެރިކަމުގެ ދާއިރާއާއި އަދިވެސް އެހެނިހެން ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތައް ދިވެހިރާއްޖޭގެ ކަނޑުފަޅުތައް ބޭނުން ކުރާ ގޮތް ދެނެގަނެވިގެންދާނެއެވެ.

މި ސާރވޭ ކުރުމަށް ކަނޑައެޅިފައިވާ 16 ދާއިރާ ރަމްޒުކުރާ ވީހާވެސް ގިނަ ފަރާތްތަކެއް ކަނޑުފަޅުތައް ބޭނުންކުރާގޮތް ދެނެގަތުމައްޓަކައި، ވޭތުވެދިޔަ 3 މަސްދުވަހުގެ ތެރޭގައި ނޫ ރާއްޖޭގެ 18 ފެސިލިޓޭޓަރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހަރަކާތްތެރިވިއެވެ. ދިވެހި އާބާދީގެ 71 އިން ސައްތަ މީހުން އާމްދަނީހޯދުމަށް ބަރޯސާވަނީ ރާއްޖޭގެ ކަނޑުފަޅުތަކަށެވެ. ދިވެހި ރާއްޖޭގެ މަސްވަރިކަމާއި، ފަތުރުވެރިކަމާއި އަދި ޖުމްލަގޮތެއްގައި އިޤްތިޞާދުގެ ކުރިއެރުންވަނީ ކަޑުފަޅުތަކުގެ ސިއްހަތާ ގުޅި ލާމެހިފައެވެ.

މި ސަރވޭގައި ވީހާވެސް ގިނަބައެއްގެ ބައިވެރިވުން ހޯދައި، އެކިއެކި ސެޓޭކްހޯލްޑަރުން ކަނޑުފަޅުގެ ބޭނުންކުރާގޮތް ދެނެގަތުމަށް ނޫ ރާއްޖޭގެ ސަރވޭ ފެސިލިޓޭޓަރުން މިހާރުވެސް ދަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރުކުރަމުންނެވެ.

ނޫ ރާއްޖެއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގެ އިސްނެގުމާއެކު ސަރުކާރުގެ އެކި އިދާރާތަކާއި ގުޅިގެން ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީތެރިކަމާއެކު ހިންގާ ޕްރޮގްރާމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން