އަހުމަދު މަސްނޫމް   17 މާރިޗު 2022 - 22:36
ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އުވާލައްވައިފިއެވެ.

1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިނގާފައިވާ ޚިޔާނާތާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތައް މެދުވެރި ވެގެން، އެކަށީގެންވާ މިންވަރަށް ތަޙުޤީޤު ކުރެވި އިންސާފު ޤާއިމު ކުރެވިފައި ނުވާތީ އެ މައްސަލަތައް ތަޙުޤީޤުކުރުމުގެ މަޤުޞަދުގައި މި ކޮމިޝަން އެކުލަވާލީ 17 ނޮވެންބަރު 2018 އެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިކަމާ ގުޅޭގޮތުން ނެރުނު ނޫސްބަޔާނެއްގައި ބުނި އެސްޓް ރިކަވަރީ ކޮމިޝަން އުވާލައްވާފައިވާކަމަށާއި އެ ކޮމިޝަން އުވާލެއްވުމާއެކު ކޮމިޝަނުން ކުރަމުން ދިޔަ މަސައްކަތް ދެން ކުރާނީ ކަމާ ގުޅުންހުރި މުއައްސަސާތަކުންކަމަށެވެ.

އެސެޓް ރިކަވަރީ ކޮމިޝަން އުވާލައްވާފައިވާއިރު، އެސެޓް ރިކަވަރީ ކޮމިޝަނާއި މެދު ގޮތެއް ނިއްމާނީ އާ އޭސީސީ ވުޖޫދަށް އައުމުންކަމަށް މީގެކުރިން ރައީސް އޮފީހުން ވަނީ ބުނެފައެވެ. އެގޮތުން މިއަދު އެސެޓް ރިކަވަރީ ކޮމިޝަން އުވާލެއްވިއިރު، އޭސީސީއަށް އައު މެމްބަރުން ވަނީ އައްޔަންކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު