ކުނިތަކެއްގެ ތެރޭގައި މަރުވެފައި އޮއްވައި 2010 ވަނަ އަހަރު ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި އޭނާގެ ލޯބިވެރިޔާ މުހައްމަދު ނަޖާހުގެ މައްޗަށް ހައިކޯޓުން އިއްވި 12 އަހަރުގެ ޖަލު ހުކުމަށް ސުޕްރީމް ކޯޓުންވެސް ތާއީދުކޮށްފިއެވެ.

ގެއްލިގެން ހޯދަމުންދަނިކޮށް މާފަންނުކޮޅުގައި ހަދަމުންދިޔަ އިމާރާތެއްގެ ތެރެއިން މަރާލާފައި އޮއްވާ ޝީރީންގެ ހަށިގަނޑު ފެނުނީ 2010 ވަނަ އަހަރުގެ ޖެނުއަރީމަހުގެ ކުރީކޮޅުއެވެ.

މިމައްސަލައިގައި ދައުވާކޮށްފައިވަނީ ޝީރީންގެ ލޯބިވެރިޔާ ލ. ކަޅައިދޫ އޯޝަންވިލާ، މުހައްމަދު ނަޖާހުގެ މައްޗަށެވެ. ދައުލަތުން ތުހުމަތުކުރާ ގޮތުން ކޮޓަރި ތެރޭގައި ޝީރީން މަރާލުމަށް ފަހު އޭނާގެ ހަށިގަނޑު ލަގެޖް ފޮއްޓަކަށް ލައިގެން ޓެކްސީއެއްގައި ގެންގޮސް އެއްލައިލީ ނަޖާހެވެ.

މިމައްސަލައިގައި މެއި، 2015 ގައި މަރުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ނަމަވެސް އޭގެކުރިން އޭނާ ހުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލަށްލާން ހުކުމްކޮށްފައެވެ.

ނަޖާހުގެ މައްޗަށް އުފުލި މަރުގެ ދައުވާ ސާބިތުނުވުމުން، ދައުލަތުން ހައިކޯޓުގައި އެމައްސަލަ 2015 ޖޫންގައި އިސްތިއުނާފްކުރިއެވެ. އަދި 2020 އޮގަސްޓުގައި ޝީރީންގެ މަރުގެ މައްސަލައިގައި ހައި ކޯޓުން ވަނީ ގަސްދުގައި މީހަކު މެރިކަން ސާބިތު ނުވިޔަސް، ގަސްދަކާ ނުލައި މީހަކު މެރުމުގެ ކުށް ނަޖާހުގެ މައްޗަށް ސާބިތުވާތީ އޭނާ 12 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. އޭނާގެ މައްޗަށް ގަސްދު މަރު ސާބިތު ނުވީ ޝީރީން މަރުވި ގޮތާއި މެރުމަށް ބޭނުންކުރި ހަތިޔާރެއް އެނގެން ނެތުމުންނެވެ.

މިމައްސަލަ ނަޖާހުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު ހުކުމް އިއްވުމަށް ބޭއްވި އަޑުއެހުމުގައި ސުޕްރީމް ކޯޓުންވެސް ވަނީ ހައިކޯޓުން އިއްވާފައިވާ ހުކުމް ދަމަހައްޓާފައެވެ.

ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނީ އެއްވެސް ވާގިއާއަކުން މުހައްމަދު ނަޖާހުގެ މައުސޫމް ކަމަށް އިޝާރާތެއް ނުކުރާކަމަށާއި މައްސަލާގައި ހިމެނޭ އެއްވެސް ވާގިއާއަކުން އޭނާގެ މައުސޫމްކަން ދޭހަވެސް ނުވާކަމަށެވެ. އަދި އެންމެ ފަހުން ޝީރީން ދިރިހުއްޓާ ފެނުނީ ނަޖާހުއާ އެކު ކަމަށް ވާއިރު، އެ ދެ މީހުން އުޅުނު ކޮޓަރިއަށް އެހެން މީހަކު ވަންކަމުގެ ހެއްކެއް ނެތުމުން ޝީރީންގެ އެ ކޮޓަރި ތެރޭގައި މަރުވި ގޮތަކާ މެދު ނަޖާހު ޖަވާބުދާރީވާން ޖެހޭނެކަން ހުކުމްގައިވެއެވެ. އަދި އެކަމުގައި ޖަވާބުދާރީވުމުގެ ބަދަލުގައި އެކި ގޮތަށް ވާހަކަ ދެއްކުމުގެ އިތުރުން ކޯޓުގައި ދޮގު ހެދީކަމަށް ހުކުމްގައިވެއެވެ.

މިމައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.



ކިޔުންތެރިންގެ ހިޔާލު