ޖިނާއީ އަދުލުގެ ނިޒާމުގެ ނާޖާއިޒް ފައިދާ ނެގުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުލިބޭ ގޮތަށް ފަނޑިޔާރުން މަސައްކަތް ކުރަންޖެހޭކަމަށް ސުޕްރީމް ކޯޓުން ބުނެފިއެވެ.

ސުޕްރީމް ކޯޓުން މިހެން ބުނީ ކުނިތަކެއްގެ ތެރޭގައި މަރުވެފައި އޮއްވައި 2010 ވަނަ އަހަރު ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި އޭނާގެ ލޯބިވެރިޔާ މުހައްމަދު ނަޖާހުގެ މައްޗަށް ހައިކޯޓުން އިއްވި 12 އަހަރުގެ ޖަލު ހުކުމަށް ތާއީދުކޮށް ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމްގައެވެ.

މައްސަލަ ބެއްލެވި ބެންޗުގެ އިސް ފަނޑިޔާރު، ހުސްނުއްސުއޫދު ވިދާޅުވީ ކޯޓުތަކުން ބައެއް ފަހަރު އަމަލުކުރާ ގޮތުން ބޮޑެތި މައްސަލަތަކުގައި ހެކި ލިބެން ހުއްޓަސް، ބޮޑެތި ކުށްވެރިން ކޯޓުތަކުން ދޫވެގެންދާކަމަށެވެ.

ފަނޑިޔާރު ސުއޫދު ވިދާޅުވީ ދައުވާކުރާ އަސްލު ކުށުގެ ހެކި ނެތަސް، އެހެން ކުށެއް ކުރިކަމުގެ ހެކި ހުންނަ ހާލަތުގައި އެ ދައުވާގެ ސިފަ ފަނޑިޔާރުން އަމިއްލައަށް ބަދަލުކޮށް، އާ ކުށަށް އަދަބު ދެވޭ ގޮތަށް ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ފަނޑިޔާރަށް ބާރު ދީފައިވާކަމަށެވެ. އަދި މި ބާރު ފަނޑިޔާރުންނަށް ދީފައި އޮތަސް، މަރުގެ މައްސަލަތަކާއި މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި އެގޮތަށް ކޯޓުތަކުން އަމަލު ނުކުރާ ކަމަށާއި، ބައެއް ފަހަރު ދައުވާގައި އޮޅުމެއް ނުވަތަ ކުށެއް އޮވެގެން ވެސް ދައުވާ ބޭރުކޮށްލާ ކަމަށާއިި އޭގެ ނަތީޖާއެއްގެ ގޮތުން ބޮޑެތި ކުށްވެރިން ހެކި ހުއްޓާ ދޫވެގެންދާކަމަށް ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުގައިވެއެވެ.

ސުޕްރީމް ކޯޓުގެ ހުކުމްގައި، ކުދިކުދި ކަންކަމުގައި މައްސަލަތައް ބޭރުކޮށްލުމަށް ވުރެ ކޯޓުގެ އިސް ނެގުމުގައި އެކަންކަން ހައްލު ކުރަން ފަނޑިޔާރުން މަސައްކަތް ކުރަން ޖެހޭކަން ފާހަގަކޮށްފައިވެއެވެ. އަދި ޖިނާއީ އަދުލުގެ ނިޒާމުގެ ނާޖާއިޒް ފައިދާ އެއްވެސް ބަޔަކަށް ނެގުމުގެ ފުރުސަތު ފަނޑިޔާރުން ދީގެން ނުވާނެކަމަށްވެސް ހުކުމްގައިވެއެވެ.

ޖިނާއީ އަދުލުގެ ނިޒާމުގެ ނާޖާއިޒް ފައިދާ ނެގުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުލިބޭ ގޮތަށް ފަނޑިޔާރުން މަސައްކަތް ކުރަންޖެހޭކަމަށް ސުޕްރީމް ކޯޓުން ބުނެފައިވާއިރު، ވަރަށް ކުދިކުދި މައްސަލަތަކުގައި ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތައް ބޭރުކޮށްލާފައި ނުވަތަ ކުށް ސާބިތުނުވާކަމަށް ކަނޑައަޅާފައިވާކަން ފާހަގަ ކުރެވެއެވެ. މީގެ ސަބަބުން ބޮޑެތި ކުށްތައް ސާބިތުނުވެ ކުށްވެރިން ދޫވެގެންދާކަން ވެސް ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު


7

ޢަލީ

18-Mar-2022

ވަރަށް ރަނގަޅު ވާހަކަފުޅެއް