މިދިޔަ ހޯމަދުވަހު ކަނޑުމަގުން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ޑިޕާޓްމަންޓާއި، ޑްރަގް އެންފޯސްމަންޓު އަދި މެރިން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ މައުލޫމާތު އާއްމުކޮށްފިއެވެ.

ހޯމަދުވަހު ކަނޑުމަތީގައާއި، މާލެ އާއި، ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގައި ހިންގި އެ އޮޕަރޭޝަނުގައި 12.6 ކިލޯގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފައިވެއެވެ. އެއީ ނ. ވެލިދޫ / މަރިޔާޒް، މުޙައްމަދު ޢަބްދުއްލަޠީފް (30އ) އާއި، އިންޑިއާގެ ރައްޔިތެއް ކަމުގައިވާ ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީ (37އ) ގެ އިތުރުން ބަނގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ ކަވްސަރު އަލަމް (30އ) އެވެ. އެ އޮޕަރޭޝަނުގައި، މާލޭގެ ގެއަކާއި ހުޅުމާލޭގެ ގެސްޓު ހައުސްއެއްގެ އިތުރުން ލޯންޗެއް ބަލައި ފާސްކޮށްފައިވެއެވެ.

މައްސަލައާ ގުޅިގެން އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު މުޙައްމަދު ޢަބްދުއްލަޠީފަށް ދީފައިވެއެވެ. އަދި ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީއާއި ކަވްސަރު އަލަމް ބަންދުގައި ބެއިތިއްބުމަށް 15 ދުވަހުގެ މުއްދަތުދީފައިވެއެވެ.

ފުލުހުން ބުނީ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން މިކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވިކަމަށް ބެލެވޭ ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ މީހެއްކަމަށެވެ. އަދި އޭނާއަކީ މީގެކުރިންވެސް މަސްތުވާތަކެއްޗާއި ބަނގުރާގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރާއާއެކު ހައްޔަރުކޮށްފައިވަނިކޮށް ކޯޓުން ދޫކޮށްލާފައިވާ މީހެއްކަމަށްވެސް ފުލުހުން ބުނެއެވެ. އެ މައްސަލަ މިހާރު ކޯޓުގައި އޮތްއިރު އޭނާއަކީ މަސްތުވާތަކެއްޗާއި މާރާމާރީގެ ކުށުގެ ރެކޯޑު ވެސް އޮންނަ މީހެކެވެ.

މުޙައްމަދު ޢަބްދުއްލަޠީފަކީވެސް ވައްކަމާއި މާރާމާރީއާއި މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެކެވެ.

މަސްތުވާތަކެތީގެ މި މައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު


13

ތިމަންނަ

19-Mar-2022

ތިޔަފަދަ މޮޅެތި ރެޚޯޑް ހަދާފަތިބޭ ފަހުލަވާނުން އިތުރު ރެކޯޑެއް ހެދުމާއެކު ރެކޯޑް މުގުރާލި ފަދައިން , ރެކޯޑްހެދި ފަރާތް މުގުރާލައިގެން މެނުވީ މި ރާއްޖެއަކުން ތިޔަ ކުޅިވަރެއް ނުފިލާނެ (މުޖައްރިބު)