މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދިވެހިރާއްޖޭގައި ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސު އިތުރު ހަތަރު ފަރާތަކަށް ދީފިއެވެ.

ގައުމީ ޕޭމަންޓު ސިސްޓަމުގެ ގާނޫނުގެ ދަށުން މިއަދު ދޫކޮށްފައިވަނީ ޕޭމަންޓް މުއާމަލާތްތައް އެކުއަޔާ ކުރުމުގެ ޚިދުމަތް ދިނުމުގެ ހުއްދައާއި އިލެޓްރޯނިކް ފައިސާ އިޝޫކުރުމުގެ ހުއްދައެވެ.

ޕޭމަންޓް މުއާމަލާތްތައް އެކުއަޔާ ކުރުމުގެ ޚިދުމަތް ދިނުމުގެ ހުއްދަ ދިނީ ވީޓީޓީ ފައިނޭންސް ޕްރައިވެޓް ލިމިޓެޑާއި، ޕޭޔާ ގްލޯބަލް ޕޭމަންޓްސް އޭޝިއާ-ޕެސިފިކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ. އެއީ އެމްއެމްއޭއިން ކުރިން ދޫކުރި ހުއްދައެއްގެ ދަށުން ދިން ލައިސަންސެކެވެ.

އިލެކްޓްރޯނިކް ފައިސާ އިޝޫކުރުމުގެ ހުއްދަ ދިނީ ޕޭޔާ ޕްރަައިވެޓް ލިމިޓެޑަށާއި ފަހިޕޭ ޕްރައިވެޓް ލިމިޓެޑަށެވެ.

މީގެ ކުރިން އެމްއެމްއޭއިން ވަނީ ދިރާގާއި އުރީދޫއަށްވެސް އެ ގާނޫނުގެ ދަށުން ލައިސަންސު ދޫކޮށްފައެވެ. ދިރާގަށް ދޫކުރީ އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ލައިސަންސެވެ. އުރީދޫއަށް އިލެކްޓްރޯނިކް މަނީ ލައިސަންސުގެ އިތުރުން ރެމިޓެންސް ހިދުމަތަށް ބޭނުންވާ ޕޭމަންޓްގެ ހިދުމަތް ދިނުމުގެ ލައިސަންސް ވެސް ވަނީ ދީފައެވެ.

ރާއްޖޭގައި މުއާސަލާތީ ޚިދުމަތް ދިނުމަށް ހުއްދަދީފައިވާ އުރީދޫން މުއާސަލާތީ ޚިދުމަތް ދިނުމުގެ އިތުރުން އާދައިގެ ލޮޖިސްޓިކް ވިޔަފާރީގެ ތެރެއަށް ވަދެ އޮންލައިންކޮށް މުދާ ވިއްކައި މުދާ ޑެލިވަރީ ކުރުމުގެ ވިޔަފާރި ރާއްޖޭގައި ފުޅާ ކުރަމުން ގެންދާއިރު ކަމާބެހޭ ފަރާތްތަކުން މިކަމާމެދު އެއްވެސް ފިޔަވަޅެއް ނާޅާތީ ގިނަ ބަޔަކު އަންނަނީ އެމައްސަލައިގައި ފާޑުކިޔަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު