މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ހއ. ދިއްދޫގައި ގާއިމްކުރާ ޖޫނިއަރ ކޮލެޖް ބިނާކުރުމުގެ މަސައްކަތަށް 6 ފަރާތަކުން ބީލަން ހުށައަޅައިފިއެވެ.

މި މަޝްރޫއަކީ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުގެ އިސްނެގުމަށް، ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް، މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ހއ. ދިއްދޫގައި ހިންގާ ޕްރޮޖެކްޓެކެވެ.

މި ޕޮރޮޖެކްޓްގެ ކޮންސްޓަރަކްޝަން މަސައްކަތަށް ހުޅުވައިލި ޓެންޑަރގެ ބީލަން ހުޅުވުން މިއަދު މިނިސްޓްރީ އޮފް ފިނޭންސްގައި އޮތް އިރު މި މަސައްކަތަށް 6 ފަރާތަކުން ވަނީ ބީލަން ހުށަހަޅާފައިވެއެވެ.



މި ޕްރޮޖެކްޓުގެ ދަށުން، ޖޫނިއަރ ކޮލެޖް އިމާރާތްކުރާނެ ފަރާތެއް ހޯދުމަށް ފުރަތަމަ ފަހަރަށް ޓެންޑަރ ކޮށްފައިވާ މަޝްރޫޢުގެ ކުރެހުމުގައި އޮޅުންއަރާ ކަންތައްތަކެއް ހުރިކަން ފާހަގަކޮށް ކުރިން ހުށަހަޅައިފައިވާ ބިޑުތައް ބާޠިލްކޮށް، އަލުން އިޢުލާނުކުރުމަށް ނޭޝަނަލް ޓެންޑަރ ބޯޑުން ނިންމަވާފައިވާތީ، މި މަސައްކަތް ރީ-ޓެންޑަރކޮށްފައިވަނީ 6 މާރޗް 2022 ގައެވެ.

ހއ. ދިއްދޫގައި ބިނާކުރާ މި ޖޫނިއަރ ކޮލެޖް ޚާއްސަ ކޮށްފައިވަނީ ފުޑް ޕްރޮސެސިންގ އަދި ޓެކްނޮލޮޖީ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށެވެ. އެހެނަސް ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ވެސް މި އިންސްޓިޓިއުޓުގައި ހިންގުމަށް މަގުފަހިވާނެއެވެ.

މި ޖޫނިއަރ ކޮލެޖް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 30،000 އަކަފޫޓްގެ ޖާގައިގައެވެ. މި ޕްރޮޖެކްޓް އެއްކޮށް ނިމޭއިރު އިންސްޓިޓިއުޓްގައި ކިޔަވައިދިނުމަށް ބޭނުންކުރާނެ ބްލޮކެއްގެ އިތުރުން އެކޮމަޑޭޝަން ބްލޮކެއް ހުންނާނެއެވެ.

މި ޖޫނިއަރ ކޮލެޖުގައި ފުޑް ޕްރޮސެސިންގ ލެބަކާއި، ފުޑް ޓެސްޓިންގ ލެބަކާއި، މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން އަށް ކްލާސް ރޫމާއި އައި. ސީ. ޓީ ލެބޯޓަރީއެއް ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެއެވެ. މީގެ އިތުރުންވެސް، މި ޢިމާރާތުގައި ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމެއް ހުރުމާއެކު ނަމާދުކުރާނެ ތަނަކާއި ފާޚާނާއާއި ލިފްޓްވެސް ހުންނާނެއެވެ.



ކިޔުންތެރިންގެ ހިޔާލު