ކައިިރި މުސްތަގްބަލެއްގައިވެސް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީން ބޭރުކުރެވޭނެ ވަރުގެ މީހަކު އެމްޑީޕީއަކަށް ނާންނާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ ފައްޔާޒު މިހެން ވިދާޅުވެފައި މިވަނީ، އިންތިހާބުގައި ދެން ވާދަކުރައްވާ އިމްތިޔާޒް ފަހްމީއާއި އޭނާއަށް ތާއީދުކުރައްވާ ބައެއް ފަރާތްތަކުން ދައްކަވާ ވާހަކަތަކާއި ގުޅިގެނެވެ. މިގޮތުން ފައްޔާޒަށް ދޭ ވޯޓަކީ ރައީސް ނަޝީދާއި ދެކޮޅަށް ދޭ ވޯޓެއްކަމަށް ބުނެ ބައެއް ފަރާތަކުން ދަނީ ވާހަކަދައްކަވަމުންނެވެ.

މިކަމަށް އިޝާރާތްކުރައްވައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ ކުރިއަށް އޮތް ކައިރި މުސްތަގްބަލެއްގައިވެސް ރައީސް ނަޝީދު އެމްޑީޕީން ބޭރުކުރެވޭ ވަރުގެ މީހަކު އެމްޑީޕީއަކަށް ނާންނާނެކަމަށެވެ. ފައްޔާޒު ވިދާޅުވީ އެފަދަ ވާހަކަ މީހުން ދައްކަނީ އިންތިހާބަކަށްވީމަ ކެމްޕެއިން އުކުޅެއްގެ ގޮތުގައިކަމަށެވެ.

ފައްޔާޒު ވިދާޅުވީ މިކެމްޕެއިން ކުރާއިރު އެންމެ ބޮޑަށް މަސައްކަތް ކުރައްވަނީ ދެން ވާދަކުރައްވާ ކެންޑިޑޭޓަށް ގޯސް އެއްޗެއް ވިދާޅުނުވެ ކުރިއަށް ވަޑައިގަންނަވަންކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ފޯރިގަދަވެފައިވާއިރު، ގިނަ ބަޔަކު ސިފަކުރަނީ ފައްޔާޒަކީ ރައީސް ސާލިހުގެ ކެނޑިޑޭޓްގެ ގޮތުގައެވެ. އަދި އިމްތިޔާޒަކީ ރައީސް ނަޝީދުގެ ކެނޑިޑޭޓްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ބަލައިގަންނަމުންނެވެ. މިއިންތިހާބުގެ ކެމްޕޭންގައި އެމްޑީޕީގެ މަޖިލިސް މެންބަރުންނާްއި އެޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތައް ވެސް ވަނީ ދެފަޅިޔަށް ބެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު