އަހުމަދު މަސްނޫމް   20 މާރިޗު 2022 - 21:51
އަހުމަދު މޫސާ (އައްމަޓީ)
އަހުމަދު މޫސާ (އައްމަޓީ)
ނުހަދާ ފްލެޓް ވިއްކާފައި، މަކަރާ ހީލަތުން އޮޅުވާލައިގެން އެތައް ބައެއްގެ އަތުން ފައިސާ އަތުލި މައްސަލައިގައި ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފައިވާ އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މިއީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި އައްމަޓީ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުނު 3 ވަނަ ފަހަރެވެ. ކުރީ ދެ ފަހަރު ނެރުނު އަމުރުވެސް ހައި ކޯޓުން ވަނީ ބާތިލްކޮށްފައެވެ.

އައްމަޓީ ބަންދުން ދޫކޮށްލަން ނިންމީ ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ބަންދު މުރާޖާކުރުމުގެ އަޑުއެހުމުގައެވެ.

އައްމަޓީގެ ވަކީލް އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު ވިދާޅުވީ އައްމަޓީގެ ސިއްހީ ހާލަތު ގޯސްވުމުގެ އިތުރަށް އޭނާގެ ބައްޕަގެ ސިއްހީ ހާލަތު ވެސް ގޯސްވެފައިވާތީ މިވަގުތު އައްމަޓީ ދޫކޮށްލުން މުހިންމުކަމަށެވެ. އަދި އައްމަޓީގެ އޮޕަރޭޝަނެއް ކުރަންޖެހޭކަންވެސް ނިހާޔަތު ފާހަގަކުރިއެވެ.

ދައުލަތުން ވަނީ ކުރިއެކޭ އެއްގޮތަށް މިއަދުގެ އަޑުއެހުމުގައިވެސް އައްމަޓީ ބަންދުން ދޫކޮށްލައިފިނަމަ ފިލާފާނެކަމުގެ ބިރު އެބައޮތްކަން ފާހަގަކޮށްފައެވެ. ނަމަވެސް އައްމަޓީގެ ވަކީލު ވަނީ މީގެކުރިން ފިލި މީހުންވެސް ގޭ ބަންދަށް ބަދަލުކޮށްފައިވާކަން ފާހަގަކޮށްފައެވެ.

ދެ ފަރާތުގެ ވާހަކަތައް އަޑު އެހުމަށްފަހު ގާޒީ ނިންމީ އައްމަޓީ ބަންދުން ދޫކޮށްލުމަށެވެ.

ފްލެޓްއަޅައި، ވިއްކާފައި މަކަރާ ހީލަތުން އޮޅުވާލައިގެން އެތައް ބައެއްގެ އަތުން ފައިސާ އަތުލި މައްސަލައިގައި އަޙްމަދު މޫސާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ޚިޔާނާތުގެ 42 ދައުވާއެއް އުފުލާފައެވެ. މި މައްސަލަތައް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެވެ.



ކިޔުންތެރިންގެ ހިޔާލު