ކުށްތައް ހުއްޓުވައި އަމާން މާހައުލެއް ޤާއިމްކުރުމަށް ރާއްޖޭގައި 61 ޕޮލިސް ސްޓޭޝަން މިއަހަރު ޤާއިމްކުރުމަށް ހަމަޖެހިފައިވާކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކުށްމަދުކޮށް، އަމާން ވެއްޓެއް ގާއިމްކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ރާއްޖޭގައި ފުލުހުންގެ ހިދުމަތް ނުލިބޭ ސަރަހައްދުތަކަށް ފުލުހުންގެ ހިދުމަތް ތައާރަފްކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ރާއްޖޭގެ ވެށީގެ ރައްކާތެރިކަމާއި، ހާއްސަކޮށް އަތޮޅު ތަކުގައި ހިންގާ ކުށްތައް ހުއްޓުވައި އަމާން މާހައުލެއް ޤާއިމްކުރުމަށް މިއަހަރު ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށެވެ. އެގޮތުން ރާއްޖޭގައި 61 ޕޮލިސް ސްޓޭޝަން ޤާއިމްކުރުމަށް ހަމަޖެހިފައިވާކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ މިއަހަރު ރާއްޖޭގެ 61 ރަށެއްގައި ޕޮލިސް ސްޓޭޝަން އެޅުމުގެ މަސައްކަތް ފަށާނެކަމަށާއި މިމަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ގޮތާއި، މަސައްކަތް ފަށާނެ ތާވަލް މިހާރު އެކުލަވާލަމުންދާކަމަށެވެ.

އިމްރާން ވިދާޅުވީ އަންނަ އަހަރު ނިމޭއިރު މީގެ ތެރެއިން 80 ޕަސެންޓް ޕޮލިސް ސްޓޭޝަންގެ މަސައްކަތް ނިންމާލެވޭނެކަމަށެވެ.

ޕޮލިސް ސްޓޭޝަންތައް އެޅުމަށް ހަވާލުކޮށްފައި ވަނީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ އޭބީއެލް އިންދިރާ ޕްރޮޖެކްޓްސްއަށް 48 މިލިއަން ޑޮލަރަށެވެ.



61 ޕޮލިސް ސްޓޭޝަންގެ މަސައްކަތް މިއަހަރު ފަށާއިރު މިއީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ބޮޑު ތަސައްވަރެއްކަމަށް ވަޒީރު އިމްރާން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު