އަންނަ ހުކުރު ދުވަހު އިދިކޮޅު ކޯލިޝަނުން މާލޭގައި ބާއްވަން ނިންމާފައިވާ އެއްވުން ނުބޭއްވޭނެކަން އަންގާފައިވާ ކަމަށް ބުނެ ހޯމް މިނިސްޓަރު އިމްރާން އިތުރުފުޅު ހައްދަވާފައިވާތީ އޭނާއަށް ފިޔަވަޅު އެޅުމަށް އިދިކޮޅު ކޯލިޝަނުން މިއަދު ގޮވާލައިފިއެވެ.

އަންނަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ބާއްވަން ނިންމާފައި ވަނީ ގާނޫނާ ހިލާފު އެއްވުމެއް ކަމަށް އެ ފަރާތްތަކަށް އަންގާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން ރައްޔިތުންގެ މަޖިލީހުގައި ވަނީ ވިދާޅުވެފައެވެ. މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މަޖިލީހުގައި މިނިސްޓަރު އިމްރާން ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށާއި، އެފަދަ އެންގުމެއް ޕާޓީގެ އެއްވެސް ކޮމެޓީއަކަށް ރަސްމީކޮށް އަދި ނުރަސްމީކޮށްވެސް އަންގާފައި ނުވާ ކަމަށެވެ.

ޕީޕިއެމުން ހަރަކާތެއް ބާއްވާނަމަ އޮންނަ އުސޫލުގެ ދަށުން ހުއްދަ ހޯދާ ކަމަށާއި އެގޮތުން އަންނަ ހުކުރު ދުވަހު އެއްވުން ބޭއްވުމަށް ބެނާތައް ދެމުމާއި އިވެންޓަށް ބައެއް ސަރަހައްދުތައް ބަންކުރުމުގެ ހުއްދަ މާލޭ ސިޓީކައުންސިލުން ދީފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ. ހީނާ ވިދާޅުވީ، އެއްވުމާއި ގުޅޭގޮތުން މިނިސްޓަރު އިމްރާން މަޖިލީހުގައި އިތުރުފުޅު ހެއްދެވުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. މީގެ ކުރިން ވެސް ތިން ފަހަރެއްގެ މަތިން އިމްރާން މަޖިލީހުގައި އިތުރުފުޅު ހައްދަވާފައިވާ ކަމަށާއި، އިމްރާނާއިމެދު ފިޔަވަޅު އަޅަންޖެހޭ ކަމަށް ހީނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި އެމަނިކުފާނު (އިމްރާން) އެވަނީ ގާނޫނު އަސާސީއާއި ޚިލާފުވެވަޑައިގެންފައި، އަޅުގަނޑުމެން ގޮވާލަން ރައީސުލްޖުމުހޫރިއްޔާއަށާއި އަދި ސަރުކާރުގެ ކަމާބެހޭ މުވައްސަސާތަކާއި ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ ކޮމެޓީތަކަށް އިމްރާން އިތުރުފުޅު ހެއްދެވި މައްސަލަ ބައްލަވައި އެމަނިކުފާނު މައްޗަށް ފިޔަވަޅު އެޅުމަށް." ހީނާ ވިދާޅުވިއެވެ.

މީގެ އިތުރުން ހީނާ ވިދާޅުވީ، އިންޑިޔާ ސިފައިން ބޭރުކުރުމަށް ގޮވާލާ އަންނަ ހުކުރު ދުވަހު ނޭވާ ހޮޅިއަށް، މި ނަމުގައި ހިންގާ ހަރަކާތް ކުރިން ވެސް ރޭވިފައިވާ ގޮތަށް ކުރިއަށް ގެންދާނެ ކަމަށެވެ. އެ ހަރާކަތަށް ސަރުކާރުން ހުރަސް ނޭޅުމަށް ވެސް ހީނާ ވަނީ ގޮވާލައްވާފައެވެ. އަދި އެ ހަރަކާތަކީ ގާނޫނު އަސާސީއާއި ޚިލާފަށް ހަމަނުޖެހުން އުފެދޭގޮތަށް ހިންގާ ހަރަކާތެއް ނޫން ކަމަށް ހީނާ ވިދާޅުވިއެެވެ.

"އިންޑިޔާ އައުޓް ހަރަކާތްތައް ރާއްޖޭގެ އެކި ރަށްރަށުގައި އެކި ކަންކޮޅުތަކުގައި އަދި މާލޭގައި ވެސް ވަރަށް ފުޅާކޮށް ވާނީ ބާއްވާފައި. އެހެންނަމަވެސް މިއިން އެއްވެސް ހަރަކާތްތެއްގައި ގާނޫނު އަސާސީއާ ޚިލާފު ނުވަތަ ގާނޫނުތަކާއި ޚިލާފު އަދި ހަމަނުޖެހުން ހިނގާ ފަދަ އެއްވެސް އަމަލެއް އަޅުގަނޑުމެންގެ އެއްވެސް މީހެއްގެ ފަރާތުން ފެނިފައެއް ނުވާނެ." ހީނާ ވިދާޅުވިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތާއި ގުޅޭގޮތުން އިދިކޮޅު ފަރާތްތަކާއި ވާހަކަދައްކަވާފައިވާ ކަމަށެވެ. އަދި ޤާނޫނާ ޚިލާފު އެއްވެސް ޙަރަކާތަކަށް ފުލުހުން ޖާގަނުދޭނެކަމަށްވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

"ގާނޫނާއި ގަވައިދާ ހިލާފަށް އެފަދަ ކަމެއް ނުކުރެވޭނެ ކަމަށް ވާނީ އަންގާފައި." މިނިސްޓަރ އިމްރާން ވިދާޅުވި އެވެ.

އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތް ރަށްރަށުގައި ފުޅާކުރުމުގެ ގޮތުން، ރައީސް ޔާމީން ވަނީ އަތޮޅުތެރޭގެ ރަށްރަށަށް ވަޑައިގެން، އެ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންފައެވެ. ހަމަ އެއާއެކު މާލޭގައިވެސް ސިލްސިލާކޮށް އިހުތިޖާޖުތައް ބާއްވައި، އިދިކޮޅުން ދަނީ އިންޑިއާ ސިފައިން މިގައުމުން ބޭރު ކުރުމަށް ގޮވާލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު


6

ޔމ

29-Mar-2022

ހީނާ އަށްނަސޭހަތެއް ދެމެވެ. ބުރުގާ އަޅާށެވެ. ނިވާ ވާށެވެ