ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު އޭނާގެ ކުރީގެ އަނބިކަނބަލުން ފާތުމަތު ޝަޒްރާއަށް ގެވެށި އަނިޔާކޮށްފައިވާ ކަމަށް ބުނާ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

މިމައްސަލަ ފެންމަތިވީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އެދުވަހު ފޭސްބުކްގައި ޝަޒްރާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މެންބަރު ޒަރީރު އޭނާއާއި ކައިވެނި ބައްލަވައިގެން އުޅުއްވިއިރު ގެވެށިއަނިޔާ ކޮށްފައިވާ ކަމަށާއި އަދި ވަރިކުރިފަހުންވެސް އެކިގޮތްގޮތުން ޝަޒްރާގެ ދިރިއުޅުމަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފުލުހުން ވަނީ މެމްބަރު ޒަރީރުގެ މައްޗަށް ކުރެވޭ ގެވެށި އަނިޔާގެ މައްސަލަ ތަހުގީގްކުރަމުންދާކަން މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ. ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ނުދެއްވައެވެ.

ޒަރީރުގެ ކުރީގެ އަނބިކަނބަލުން ވިދާޅުވީ ޒަރީރާއި ކައިވެނިކޮށްގެން އުޅުނު 17 އަހަރު ކުރިމަތިވި ހިތްދަތިކަން އުޅުނީ ފޮރުވައިގެން ކަމަށާއި ނަމަވެސް މިހާރު ޒަރީރުގެ ޢަމަލުތައް ހުރިގޮތުން އޭރުގެ ވާހަކަތައް ޙިއްސާކުރަން މަޖުބޫރުވެފައިވާކަމަށެވެ.

"އެއްކޮށް އުޅުނު ދުވަސްތަކުގައި އާއިލާ މީހުންގެ ކުރިމަތީގައާއި ރައްޓެހިންގެ ކުރިމަތީގައި މަނިކުފާނު ކުރަމުންދިޔަ ވަރބަލް އަދި ފިޒިކަލް އެބިއުޒް (ރޭޕް ޑޮމެސްޓިކް ވަޔަލެންސް) މިހުރިހާ ކަމަކަށް މާފްކުރުމަށްފަހު އަޅުގަނޑު ދިރިއުޅުމެއް ފެށީ މިދުނިޔެމީ ކުޑަކުޑަ ހިނދުކޮޅެއްގެ ތަނެއްކަން އެނގޭތީ." ޝަޒްރާ ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު