ގިރާވަރު ފަޅު ހިއްކައިގެން އެތަނުން މާލޭ ރައްޔިތުންނަށް ގޯތި ދިނުމުގެ މަޝްރޫއު އޮތީ ފައިސާ ހޯދުމުގެ މަރުހަލާގައިކަމަށް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ މާލެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ރައީސް ސާލިހު އިއުލާންކުރައްވާފައިވާ މަޝްރޫއާ ގުޅޭ ގޮތުން މަޖިލީހުގެ ނާއިބު ރައިސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ކުރެއްވި ސުވާލަކަށް ލިޔުމުން ފޮނުއްވި ޖަވާބުގައެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސާލިހު ވަނީ ގިރާވަރު ފަޅު ހިއްކުމަށް ފަހު މާލެ ރައްޔިތުންނަށް 2000 ގޯތި ދެއްވާނެކަން އިއުލާންކުރަށްވައިފައެވެ.

މަޖިލީހަށް ލިޔުމުން ފޮނުއްވި ޖަވާބުގައި މިނިސްޓަރ އަސްލަމް ވަނީ ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތަފްސީލް ހާމަކުރައްވާފައެވެ.

އަސްލަމް ވިދާޅުވީ މި ސަރުކާރުން ކުރިޔަށް ގެންދާ 5000 ހައުސިން ޔުނިޓް މަޝްރޫއުގެ ތެރެއިން 2000 ފްލެޓް ހަވާލު ކޮށްފައިވަނީ ޖޭއެމްސީ އިންޑިއާ ލިމިޓެޑާ ކަމަށާއި، މީގެއިތުރުން އެމްސީސީ އިންޑިއާއަށް 2000 ހައުސިން ޔުނިޓް އަދި އެޕޯލޯ ހޯލްޑިގްސް ކުންފުންޏާއި 1042 ހައުސިން ޔުނިޓް އަޅަން ހަވާލުކޮށްފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ހުޅުމާލެއިން ދޫކުރަން ނިންމާފައިވާ 1000 ގޯތި ދޭނެ ސަރަހައްދުތައް ކަނޑައަޅައި ޗާޓު އެކުލަވާލާފައިވާކަމަށާއި ގުޅީފަޅާއި ގިރާވަރުން ދޫކުރަން ނިންމާފައިވާ 2000 ގޯތީގެ ބޭނުމަށް ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމުގެ މަސައްކަތާއި، އެ މަސައްކަތަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ލޯން އެގްރިމެންޓެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ހިނގަމުންދާކަމަށެވެ.

ރިޔާސީ ބަޔާނުގައި ރައީސް ސޯލިހް ވިދާޅުވީ، މާލެ ރަށްވެހިންނަށް ހުޅުމާލެއިން 1000 ގޯއްޗާއި ގުޅިފަޅުން 2000 ގޯތި ދޭން ނިންމާފައިވާ ކަމަށެވެ. އަދި ގިރާވަރު ފަޅުން ބިމެއް ހިއްކައިގެން މަދުވެގެން 2000 ގޯތި މާލޭ ރަށްވެހިންނަށް ދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ރައީސް ސާލިހް ވިދާާޅުވީ ގޯތި ދިނުމުގެ މަސައްކަތް މި އަހަރުގެ ޖޫން މަހު ފަށާނެ ކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ދައުރު ނިއްމާލާނީ މާލޭގެ ރައްޔިތުންނަށް އިން ވަކިކޮށް، ރޯނުދަމައި ބިން ކަނޑައި، ގޯތީގެ ފަތް ދިނުމަށްފަހު ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު