ދިވެހި ރާއްޖެ ދެވަނަ މަލިކަކަށް ނުހެދޭނެ ކަމަށް ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ސައީދު މިމޭރުމުން ވިދާޅުވީ ބޭރު ގައުމެއްގެ އަސްކަރީ މަރުކަޒުތައް ހުންނަ ގައުމުތަކަށް އިންވެސްޓުމެންޓު ލިބޭ އަދަދު ބޮޑު ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކާއި ގުޅިގެންނެެވެ. އެކަމަށް އިޝާރަތް ކުރައްވައި މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ދިވެހިރާއްޖޭގައި އަސްކަރީ ބަނދަރެއް ގާއިމު ކުރުމުގެ ހުއްދަ މި ސަރުކާރުން ދިނުމަށްފަހު އެކަން ދިފާއު ކުރެއްވުމަށް މަތިމައްޗަށް ކިތަންމެ ދޮގެއް ހެއްދެވިޔަސް އެކަން ދެކޮޅު ނުޖެއްސޭނެ ކަމަށެވެ. އަދި ކުރީން ދިވެހީންގެ ރަށެއްގެ ގޮތުގައި އޮތް އަދި މިހާރު އިންޑިއާގެ ބައެއްގެ ގޮތުގައި އޮތް މަލިކާ ގުޅުވައި ސައީދު ވިދާޅުވީ ރާއްޖެ ދެވަނަ މަލިކަކަށް ނުހެދޭނެ ކަމަށެވެ. އަދި މިއަދު ގޯހީ ރާއްޖޭގައި އަސްކަރީ މަރުކަޒެއް ހަދަން ފުރުސަތު ދިން ވެރީން ކަމަށް ސައީދު ވިދާޅުވިއެވެ. އަދި އެއީ ގައުމުގެ ޚާއިނުންގެ ގޮތުގައިވެސް ސައީދު ވަނީ ސިފަކުރައްވާފައެެވެ.



މީގެ އިތުރުން ހއ. އުލިގަމަށް އަންނަ ޔޮޓްތަކާއި އުޅަނދުތަކަށް ހިމާޔަތް ދިނުމުގެ ގޮތުން އެ ސަރަހައްދުގައި ހަތިޔާރު ގުދަން ކުރަން ނިންމެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅު ތަކަށް ރައްދު ދެއްވަމުން ސައީދު ވިދާޅުވީ، ރާއްޖޭގެ ސިޔާދަތަށް ނުރައްކާވާ ވަރުގެ އެއްވެސް ކަމެއް ބަޔަކު ހިންގާނަމަ ރައީސް ޔާމިންގެ ސަރުކާރުން އެކަން ހުއްޓުވާނެ ކަމަށާއި އެކަން އަަމަލާ ބަހުން ދައްކައިދީފައިވާ ކަމަށެވެ.

"އެއީ ކުރިންވެސް މިހާރުވެސް ފަހުން ވެސް ޕީޕީއެމް ޕީއެންސީއިން އަަމަލުކުރާނެ ސިޔާސަތު ކަން ރައީސް ނަޝީދަށް އެނގެންވާނެ، ޖީއެމްއާރު އެއްބަސްވުމަކީ އެފަދަ އެއް މިސާލު." ރައީސް ނަޝީދުގެ ސަރުކާރުން ރާއްޖޭގެ މައި އެއާޕޯޓް ހިންގަން އިންޑިޔާގެ ޖީއެމްއާރަށް ދިން އެއްބަސްވުން ބާތިލް ކުރުމަށް ޕީޕިއެމް އިސްވެ ކުރި މަސައްކަތަށް އިޝާރަތް ކުރައްވަމުން ސައީދު ވިދާޅުވިއެވެ.

މަޖިލީހުގެ ރިޔާސަތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ބޭރު ގައުމެއްގެ އަސްކަރީ މަރުކަޒުތައް ހުންނަ ގައުމުތަކަށް އިންވެސްޓުމެންޓު ލިބޭ އަދަދު ބޮޑު ކަމަށެވެ. އެ ގޮތުން ގަތަރާއި ކުވޭތު އަދި ސައުތުކޮރެއާ އާއި ފިލިޕީންސްގެ އިތުރުން އަބޫދާދީ ފަދަ ގައުމުތައް ހިމެނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެ އާންމު ހަމަޔާ ގުޅޭގޮތުން އަޅުގަނޑު ހިތަށް ވަނީ ވިސްނުމެއް ބަހައްޓަން ޖެހޭނޭ." މަޖިލިސް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު