އިއްސެ މަރާލި ސުމޮން މިއާ --
އިއްސެ މަރާލި ސުމޮން މިއާ --
2018 ޖޫން 16 ގައި، ހއ. އިހަވަންދޫގައި އައިސްޕުލާންޓެއްގެ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު ޅ. ހިންނަވަރު/ އަތިރީގެ، އިސްމާއިލް އުމަރު (އިއްސެ)، މަރާލިކަމުގެ ކުށް ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ސުމޮން މިއާގެ މައްޗަށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އިއްސެގެ މަރުގެ މައްސަލައިގައި ސުމޮން މިއާގެ މައްޗަށް ދައުލަތުން ދައުވާކުރީ، ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މަރާލިކަމުގެ ދައުވާއެވެ. މިއަދުގެ އަޑުއެހުމުގައި ޝަރީއަތުން ވަނީ ކުށަށް ސުމޮން މިއާ އިއުތިރާފުވުމާއިއެކު، ދައުލަތުން މި މައްސަލައިގައި ހުށަހަޅާފައިވާ ހެކީގެ މައްޗަށް ރިޔާއަތްކޮށް، އިއްސެ މަރާލިކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސުމޮން މިއާގެ މައްޗަށް ސާބިތުވާ ކަމަށް ނިންމާފައެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ހުލާސާ ބަޔާން އިއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ، އިއްސެގެ ހަށިގަނޑު ފެނުނީ އައިސް ޕްލާންޓުގައި ހުރި ޓޭންކެއްގެ ކައިރިންކަމަށް ފުލުހުން ބުނެފައިވާ އިރު، ދައުވާއަށް އިއުތިރާފުވެ، ސުމޮންމިއާ މީގެކުރިން ތަހުގީގަށް ކިޔައިދިން ވާހަކަތަކަށް އެއިން ބާރު ލިބިދޭ ކަމަށެވެ. އަދި އިއްސެގެ ބުރަކައްޓާއި ކަރުގައި ބޮޑެތި ޒަހަމްތަކެއް ހުރި ކަމަށާއި، އޭނާގެ ހަށިގަނޑު ދަމާފައި އައިސް ޕްލާންޓަށް ލުމަށް ބޭނުންކުރި ވާގަނޑު ކަރުގައި އައްސާފައި އޮތް ކަމަށާއި، އޭނާއަށް ހަމަލާދިން ވަޅި އައިސް ޕްލާންޓް ތެރޭގައި ހުރި އައިސް ބޮކްސެއްގެ ތެރެއިން ފެނިފައިވާ ކަމަށް ފުލުހުން ހެކިދީފައިވާތީއާއި އެ ހާދިސާގެ ސީން އިން ނެގި ސާމްޕަލްތަކާއި ސުމޮން މިއާގެ ފިންގާ ޕްރިންޓާ ދިމާވާކަމަށް ފުލުހުން ބުނެފައިވާތީ، އެއީ ސުމޮން މިއާ ކޮށްފައިވާ ކަމެއްކަމަށް ހެކިތަކާއި، ހާދިސާތަކުން ސާބިތުވާ ކަމަށް ދައުލަތުން ބުންޏެވެ.

މި ދައުވާއަށް ސުމޮން މިއާ ވަނީ ކުރިން އިއުތިރާފު ވެސް ވެފައެވެ. ނަމަވެސް ފަހުން ސުމޮން މިއާ ވަނީ އޭނާ ކުށަށް އިއުތިރާފްވީ ފުލުހުން ބިރު ދައްކައި އޭނާއަށް އަނިޔާ ކުރުމުން ކަމަށް ބުނެފައެވެ. އަދި ދައުލަތުން އުފުލާފައިވާ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއަށް ސުމޮންމިއާ އިންކާރު ކުރިއެވެ.

މި މައްސަލައަށް 5 އަހަރު ވާން ކައިރިވެފައިވަނިކޮށް ސުމޮން މިއާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުމަށްފަހު އިއްސެގެ ތިބި 3 ވާރިސުން ގެނެސް އެ ފަރާތްތަކުގެ ބަޔާން ވަނީ ނަގާފައެވެ. އިއްސެގެ ހުރިހާ ވާރިސުން ވެސް މިއަދު އޮތް އަޑުއެހުމުގައި އެދިފައިވަނީ ގާތިލުގެ ކިބައިން ގިސާސް ނުވަތަ މަރަށް މަރު ހިފުމަށެވެ.

އިއްސެގެ މަރާ ގުޅިގެން ސުމޮން މިއާގެ އަތެއްވާ ކަމަށް ރައްޔިތުން ޝައްކުކުރީ، އިއްސެ މަރާލާފައި އޮއްވާ ފެނުނުތާ ތިން ދުވަސް ކުރިން އޭނާ ރަށުން ފިލުމުންނެވެ. އޭނާ ހޯދަން ކުރި މަސައްކަތުގައި އޭނާ ފިލައިގެން ގޮސް އުޅެނިކޮށް ހައްޔަރު ކުރީ ހދ. ކުޅުދުއްފުށީގައި ހުއްޓައެވެ.



ކިޔުންތެރިންގެ ހިޔާލު