ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ކޮމިއުނިޓީ ޕޮލިސިންގެ ފަލްސަފާގެ ތެރެއިން ފުލުހުންހެ ހިދުމަތް ދިނުމަށް އެކުލަވައިލެވުނު "ނެއިބަހުޑް ޕޮލިސިންގ މޮޑެލް - އަވައްޓެރި ފުލުހުންގެ ހިދުމަތް" މުޅި ރާއްޖޭގައި ތައާރަފު ކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އަވައްޓެރި ފުލުހުންގެ ހިދުމަތް މުޅި ރާއްޖެއަށް ތައާރަފު ކުރުމުގެ މަސައްކަތް ފަށާވަނީ 2020 އޮކްޓޯބަރ މަހުގެ 01 ވަނަ ދުވަހުކަމަށެވެ. މި މަސައްކަތުގައި މި އަހަރުގެ މިހާތަނަށް، ފުލުހުންގެ ހިދުމަތް ގާއިމުވެފައިވާ 100 ރަށުގައި މަސައްކަތްކުރާ ފުލުހުންނަށް އަވައްޓެރި ފުލުހުންގެ ތަމްރީނުތައް ވަނީ ދީފައެވެ. އަވައްޓެރި ފުލުހުންގެ މަސައްކަތް ކުރެވެމުންދަނީ އެ މަސައްކަތަށް ހާއްސަކޮށް ތައްޔާރު ކުރެވިފައިވާ ސޮފްޓްވެއަރއެއް ބޭނުންކޮށްގެންނެވެ.

ފުލުހުންވަނީ އަވައްޓެރި ފުލުހުންގެ ހިދުމަތް ހިނގާނެގޮތާއި ފުލުހުންނާއި މުއައްސަސާތައް ގުޅިގެން މަަސައްކަތް ކުރާނެ ގޮތާއި އެކި ފަރާތްތަކުގެ ދައުރާއި ކުށްމަދު ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ރަށްރަށުގެ ކައުންސިލްތަކަށް މައުލޫމާތު ހިއްސާކޮށްފައެވެ. އަދި އަވައްޓެރި ފުލުހުންގެ ހިދުމަތުގައި، ރައްޔިތުންނާއި ފުލުހުން ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ.

ފުލުހުންގެ ޚިދުމަތް ދިނުމުގެ ނިޒާމަށް މި ގެނެވުނު ބަދަލުގެ އަމާޒަކީ ކުށަށް ހުށަހެޅެން ހުންނަ ކަންކަން ދުރާލާ ދެނެގަނެ، އެ ކަންކަން ހައްލު ކުރުމަށްޓަކައި ރަށު ކައުންސިލްތަކާއި އެހެނިހެން އިދާރާތަކާ ޖަމުއިއްޔާ ޖަމާއަތްތައް ގުޅިގެން އެކުގައި މަސައްކަތްކުރުންކަމަށް ފުލުހުން ވަނީ ބުނެފައެވެ.

"މުޖުތަމައުތައް ނުވަތަ ރަށްރަށް ބައިބަޔަށް ނުވަތަ ނެއިބަހުޑް ތަކަށް ބަހައި، އެ ނެއިބަހުޑްތަކަށް މަސްއޫލުވާ ފުލުހުން ކަނޑައަޅައިގެން ޚިދުމަތްދިނުމުގެ ވައްޓަފާޅިއަށް މިގެނެވޭ ބަދަލުގެ ބޭނުމަކީ ރައްޔިތުންނާއި ފުލުހުންނާ މެދު ފަސޭހައިން މުއާމަލާތު ކުރެވޭނެ ފަދަ ފާލަމެއް އެޅުމާއި، ރައްޔިތުންނާ ގާތުން ހަމަހަމަކޮށް އަދި ކޮންމެ ރައްޔިތަކަށްވެސް ފަސޭހައިން ލިބިދޭނެ، ސީދާ ރައްޔިތުންގެ ކަންބޮޑުވުންތަކަށް އަމާޒުކޮށް ތަރުތީބުކޮށްގެން ފޯރުކޮށްފެވޭ ޚިދުމަތަކަށް ދިވެހި ފުލުހުންގެ ޚިދުމަތް ހެދުމެވެ." ފުލުހުން ބުނެފައިވެއެވެ.

މި މޮޑެލް އަކީ 2018 ވަނަ އަހަރުގެ ޑިސެމްބަރ މަހު މާލޭ އޭރިއާގައި އަދި 2019 ގައި އައްޑޫ ފުވައްމުލަކުގައި ޕައިލެޓް ކުރުމަށްފަހު 2019 މާރިޗު 29 ވަނަ ދުވަހު އިފްތިތާހު ކުރެވުނު ފުލުހުންގެ ސްޓްރެޓިޖިކް ޕްލޭންގެ ޕްރައިރިޓީ އެއްގައި ހިމެނޭ ޕްރޮޖެކްޓެއްގައި ހިމަނާ، ސީދާ ދިވެހިރާއްޖޭގެ ރަށްރަށުގައި ފަސޭހައިން ފޯރުކޮށްދެވޭނެ ގޮތަށް ތައްޔާރުކުރެވިފައިވާ މޮޑެލް އެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން