ބަރަކާތްތެރި ރަމަޟާންމަހަށް ޚާއްޞަކޮށްގެން އިސްލާމީ މަރުކަޒުގެ ގްރައުންޑް ފްލޯރގައި އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިކަން ހާމަކޮށްފައި މިވަނީ އިސްލާމީ މަރުކަޒުގައި އަންހެނުންނަށް ނަމާދުކުރުމާ ގުޅޭގޮތުން ހުރި އުނދަގޫތަކަށް ޙައްލެއް ހޯއްދަވައިދެއްވުމަށް އަންހެނުންގެ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، އެދިވަޑައިގެންނެވުމާއި ގުޅިގެންނެވެ.

މިކަމާއި ގުޅޭގޮތުން ރައީސް އޮފީހުން ބުނީ އިސްލާމީ މަރުކަޒުގެ އޮފީހުގެ ރިސެޕްޝަން ކުރިމައްޗަށްވާ ގޮތަށް ރޯދަމަހަށް ޚާއްޞަކޮށްގެން ދެ ވަނަ ފްލޯރއަށް އަރަން އުނދަގޫވާ އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެ ކަމަށެވެ. މިކަން މިގޮތަށް ހަމަޖައްސާފައިވީ ނަމަވެސް ސަރުކާރުގެ އިލްތިމާސަކީ ދެ ވަނަ ފްލޯރއަށް އެރޭވަރުގެ ކުޅެދުންތެރިކަން ހުރި އަންހެނުން ނަމާދުކުރުމަށް ދެވަނަ ފްލޯރ ބޭނުންކުރުން ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ ދެވަނަ ފްލޯއަރއަށް އެެރޭ މީހުން ގްރައުންޑް ފްލޯރ ބޭނުންކުރާނަމަ، ދެވަނަ ފްލޯރއަށް އެރުމަށް ދަތިތަކާއި ދިމާވާ އަންހެނުންނަށް އަނެއްކާވެސް ދަތިތައް ދިމާވެ، މިކަން ކުރުމުގެ މަޤްޞަދު ގެއްލޭނެކަމަށެވެ.

މި އަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަންހެނުންގެ ޙަޤީގީ ބާރުވެރިކަން ހޯދައި ދިނުމަށް ކުރަން އޮތީ އިތުރު ކޮންކަންތައްތަކެއްތޯ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ވަނީ ސުވާލު އުފައްދަވާފައެވެ.

މި ޖަލްސާގައި އެކަމަނާ ވަނީ ނިންމުންތައް ނިންމުމުގައި އަންހެނުންގެ ފުރިހަމަ ބައިވެރިވުން އޮންނަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ފިރިހެނެއްގެ ނަޒަރުން ވިސްނިފައިނުވާ، ތަޖުރިބާ ކޮށްފައިނުވާ ކަންތައްތަކެއް އަންހެނެއްގެ ނަޒަރުން ވިސްނާ، ސުވާލުކޮށް ހުށައެޅުންތައް ހިއްސާކުރާނެތީއާއި، ނިންމުމުގެ މޭޒަށް އަންހެނުންގެ ވިސްނުން ނުގެންނަހާ ހިނދަކު ކަންކަމަށް ޙަޤީޤީ ޙައްލެއް ހޯދުން ދަތިވާނެތީ ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މިގޮތުން ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން މިސާލު ޖައްސަވަމުން ވިދާޅުވީ އިސްލާމީ މަރުކަޒުގެ އާބާތުރަ ފިލުވާ ރަމަޟާން މަހަށް ތައްޔާރުވާއިރު އިތުރަށް ވިސްނާލަންވީކަމެއް އޮތްތޯ އަންހެނެއް ގާތު އެހުމަށާއި، މިފަދަ ސުވާލެއް ކޮށްފިނަމަ، ޖަވާބަކަށް، ދެވަނަ ފްލޯރއަށް ނޭރޭ އަންހެނުންވެސް ތިބޭނެކަމަށާއި އަންހެނުންނަށް ވެސް ގްރައުންޑް ފްލޯރގައި ނަމާދުކުރަން ތިބެވޭނެ ޖާގައެއް ހޯއްދަވައިދެއްވުމަށް ބޭނުންވާނެކަމުގައި ފާހަގަކުރައްވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު