މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިންނަށް ހާއްސަކޮށްގެން "ލޯންގްޓަރމް ސެކިޔަރ ފެސިލިޓީ"އެއް ޤާއިމްކުރުމަށް މަސައްކަތްކުރަމުންދާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙުމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި ކަމާއި ގުޅުންހުރި އިދާރާތައް ގުޅިގެން ކުރިއަށްގެންދިޔަ "ޖުވެނައިލް ޖަސްޓިސް ޓްރެއިނިން" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙުމަދު މުޙައްމަދުފުޅު ވިދާޅުވީ ޤާނޫނުތައް ކުރިން އޮތްގޮތުން ބޮޑެތި މީހުންނަށް ކަންކުރާ އުޞޫލުން ކަންތައް ކުރުމުން ކުޑަކުދިންނަށް އެކަމުގެ ނޭދެވޭ އަސަރުކުރާކަމަށް ފާހަގަކުރެވިފައިވާކަމަށެވެ. ނަމަވެސް މިހާރު އަމަލުކުރަމުންދާ ކުޑަކުދިންގެ އަދުލުގެ ޤާނޫނަކީ އެކުދިންނަށް ޚާއްސަ ރައްކާތެރިކަމެއް ލިބިގެންވާ ކުދިންތަކެއް ކަމަށް ދެކިގެން ތައްޔާރުކުރެވިފައިވާ ޤާނޫނެއްކަން އަހުމަދު ފާހަގަކުރެއްވިއެވެ.

އަހުމަދު ވިދާޅުވީ މުޖްތަމަޢުގައި ކޮންމެހެން ނުގެންގުޅެވިދާނެ ޙާލަތަކަށް ކުއްޖާ ދާ ހިނދު، ގެންދަންޖެހޭ ތަނަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ހުންނަ ޖުވެނައިލް ޑިޓެންޝަން ސެންޓަރާއި ލޯންގްޓަރމް ސެކިޔަރ ފެސިލިޓީކަމަށެވެ. އަދި މިވަގުތު ލޯންގްޓަރމް ސެކިއަރ ފެސިލިޓީ ޤާއިމުކުރެވިފައި ނެތަސް، ދާދި އަވަހަށް މި ފެސިލިޓީ ޤާއިމުކުރެވިގެންދާނެކަމަށް އަހުމަދު ވިދާޅުވިއެވެ.



20 މާރިޗު 2022އިން ފެށިގެން ފަސް ދުވަހަށް ހިންގި މި ތަމްރީމް ޕްރޮގްރާމަކީ ޤާނޫނު ނަމްބަރު 18/2019، ކުޑަކުދިންގެ ޢަދުލުގެ ޤާނޫގެ 26 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެކި ހައިޞިއްޔަތުން ކުޑަކުދިންނާ މުޢާމަލާތްކޮށް، އެ ކުދިންގެ މައްޗަށް ފިޔަވަޅު އެޅުމުގައި މަސައްކަތްކުރާ ފަރާތްތަކަކީ ކުޑަކުދިންނާއެކު މަސައްކަތްކުރުމަށް ޚާއްސަ ތަމްރީނާއި ހުނަރާއި އިރުޝާދު ލިބިފައިވާ ފަރާތްތަކެއްކަން ކަށަވަރުކުރުމަށްޓަކައި ހިންގި ޕްރޮގްރާމެކެވެ. މި ޓްރޭނިންގގެ މަޤްޞަދަކީ ކުޑަކުދިންނާއެކު މަސައްކަތްކުރާ ފަރާތްތައް ކުޑަކުދިންގެ ޢަދުލުގެ ނިޒާމަށް ހޭލުންތެރިކުރުމާއި، އެ ނިޒާމުގެ ތެރެއިން އެ ކުދިންނަށް ލިބިދޭ ޙައްޤުތަކާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމެވެ. މިގޮތުން މި ތަމްރީން ޕްރޮގްރާމްގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިތުރުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒާއި މޯލްޑިވްސް ޕޮލިސް ސަރވިސާއި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހާއި ޑިޕަރޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ފަރާތްތައް ހިމެނޭގޮތަށް ޖުމްލަ 30 ބައިވެރިން ހިމެނެއެވެ.

މި ތަމްރީން ޕްރޮގްރާމްގެ ނިމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހޯމް އެފެއަރޒް ޢަލީ ނަޒީރުއެވެ.



ކިޔުންތެރިންގެ ހިޔާލު