ބާ ކައުންސިލްގެ ،މެމްބަރުން ރައީސް ސާލިހު އަރިހުގައި
ބާ ކައުންސިލްގެ ،މެމްބަރުން ރައީސް ސާލިހު އަރިހުގައި
ރާއްޖޭގައި ބާއްވާ ފުރަތަމަ ބާ އެގްޒާމްގައި ބައިވެރިވާ ކޮންމެ މީހެއްގެ އަތުން 10 ހާސް ރުފިޔާގެ ފީއެއް ނެގުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުން ނިންމައިފިއެވެ.

ވަގުތީ ލައިސަންސްގައި މަސައްކަތްކުރާ ވަކީލުންނަށާއި ލޯޔަރުކަން ކިޔަވާ ކުދިންނަށް ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު މިއަދު ފޮނުއްވި ލިޔުމުގައި ވިދާޅުވީ އިމްތިހާނުގައި ބައިވެރިވުމުގެ އަގު ކަނޑައެޅީ އެ އިމްތިހާނުގެ ސްޓްރަކްޗާ ހެދުމަށް ހިނގާ ހަރަދާއި އެހެން ގައުމުތަކުގައި ވެސް ބާ އިމްތިހާނު ދޭއިރު ނަގާ އަދަދަށް ރިޔާއަތްކުރުމަށްފަހު ކަމަށެވެ.

މައުމޫން ހަމީދު ވިދާޅުވީ އިމްތިހާނުގައި ބައިވެރިވާނޭކަމަށް ލަފާކުރެވޭ މީހުންގެ އަދަދަށް ބަލައި، އިމްތިހާނަށް ކޮންމެ ބޮލަކަށް ޖެހެނީ 20000 ރުފިޔާކަމަށާއި ނަމަވެސް ބާ ކައުންސިލުން ފީގެ އެއްބައި ދައްކައިދޭނެކަމަށެވެ. އެހެންކަމުން އެ އިމްތިހާނުގެ ބައިވެރިންގެ އަތުން ދައްކަން ޖެހޭނީ 10،000 ރުފިޔާކަމަށް މައުމޫން ވިދާޅުވިއެވެ.

ރާއްޖޭގައި ބާއްވާ ފުރަތަމަ ބާ އެގްޒާމް އޮންނާނެ ސީދާ ދުވަހެއް ކަނޑަައަޅާފައެއް ނުވެއެވެ. ބާ ކައުންސިލުން މަސައްކަތްކުރަނީ މެއި-ޖޫންގައި އިމްތިހާނު ބާއްވާށެވެ.

މީގެ ދެ އަހަރުކުރިން އަމަލުކުރަން ފެށި ގާނޫނީ ފަންނުގެ ގާނޫނު ބުނާގޮތުން ބާ އިމްތިހާން ފުރިހަމަކުރުމުން ނޫނީ ގާނޫނީ ވަކީލު ކަމުގެ ހުއްދައެއް ނުލިބެއެވެ. ނަމަވެސް އިމްތިހާނަށް ގިނަ ދުވަސްތަކެއް ވަމުންދާތީ ގާނޫނު އިސްލާހުކޮށް ނިންމީ ބާ ކައުންސިލުން ކުރިއަށް ގެންދާ ވަކި ތަމްރީނެއް ފުރިހަމަ ކުރުމަށްފަހު ހުއްދަ ދިނުމަށެވެ.

ރާއްޖޭގައި ބާއްވާ ފުރަތަމަ ބާ އެގްޒާމްގައި 10000 ރުފިޔާގެ ފީއެއް ނަގާއިރު ގިނަ ވަކީލުން ދަނީ މިކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ނަމަވެސް ވަކީލުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ބާ ކައުންސިލުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު